މިނިވަން އިންތިހާބެއްގައި އަޅުގަނޑާ ވާދަކޮށްލަން ކެރޭ އެކަކުވެސް ނެތް: ރައީސް ޔާމީން

މިނިވަން އިންތިހާބެއްގައި އެމަނިކުފާނާ ވާދަކޮށްލަން ކެރޭނެ ސިޔާސީ ލީޑަރަކު ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިހެން ވިދާޅުވީ ޕީއެންއެފް އިން ރޭގައި ބޭއްވި ފްރޮންޓް އޮފިސް ޖަލްސާގައެވެ.
މި ސަރުކާރުގެ ޔޫތް މިނިސްޓަރުގެ އެޑްވައިޒަރު އަދި ރައީސް ޔާމީންއާއިވެސް ކުރިން ގާތް ގުޅުމެއް އޮންނަ ނަރީޝް, ރައީސް ޔާމީނަށް ސިޔާސީ މުސްތަގުބަލެއް ނެތް ކަމަށް ވިދާޅުވުމުން އޭގެ ރައްދެއް ގޮތުގައި ޔާމީން ވިދާޅުވީ، ނަރީޝްގެ ވާހަކައިގެ މާނައަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މިހާރުގެ ރައީސް މުހައްމަދު މުއިއްޒު ވެސް އެމަނިކުފާނު ޖަލުގައި ބާއްވައިގެން ރިޔާސީ އިންތިހާބުގައި ވާދަކުރަން ބޭނުންނުވާ ކަމެވެ.
"ތެދެއް މުއިއްޒެއް ބޭނުމެއް ނުވާނެ އަޅުގަނޑު ވާދަކުރާކަށް. މުއިއްޒުގެ ސައިޒު މިހާރު ވެސް މުއިއްޒަށް އެނގޭނެ. މިތާނެތީދެއްތޯ ވާދަކުރަން ކެރޭ ވަރުގެ މީހަކު،" ޔާމީން ވިދާޅުވިއެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އެ އިންތިހާބު އިބްރާހިމް މުހައްމަދު ސޯލިހަށް ކާމިޔާބުވެވަޑައިގަތީ ވަގަށް ނަގައިގެން ކަމަށެވެ. އަދި މިހާރުގެ ރައީސް މުއިއްޒުގެ ވެރިކަމަކީ ވެސް އެމަނިކުފާނު ޖަލުގައި އޮތުމުގެ ސަބަބުން ލިބިވަޑައިގެންނެވި ވެރިކަމެއް ކަމަށް ވިދާޅުވިއެވެ.
"ކީއްވެގެންތޯއޭ މިނިވަން އިންތިހާބެއްގައި އަޅުގަނޑާ ވާދަކޮށްލަން ނުކެރިގެން މިއުޅެނީ" ރާއްޖޭގެ ސިޔާސީ ލީޑަރުންނަށް ގޮންޖައްސަވައި ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނުގެ މައްޗަށް ކުރެވިފައިވާ ދައުވާތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މައްސަލަތައް ބަލައިގެން ވެސް މިހާތަނަށް ޖަލުގައި ނުބޭއްވުނީ މައްސަލަތައް ސާބިތުނުކުރެވޭތީ ކަމަށެވެ. އަދި މިހާރު ކޯޓުގައި ހިނގަމުންދާ މައްސަލަތައް ވެސް ސާބިތުނުކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވިއެވެ.
ރިއެކްޓް



