ޚަބަރު

އެންސިސް ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި

ޖުލައި 10, 2025 - 23:51
ޖުލައި 11, 2025 - 00:08
 0
އެންސިސް ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
ފޮޓޯ: ވިރާސީ

ހުޅުމާލޭގައި ހުންނަ އެންސިސްގެ ގުދަނުގައި މިރޭ ރޯވި އަލިފާންގަނޑު މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކޮންޓްރޯލްކޮށްފިއެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މައުލޫމާތު ދިން ގޮތުގައި، މިރޭ 18:48 ހާއިރު އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި އަލިފާން ރޯވެފައިވަނީ ގުދަން އިމާރާތުގެ 4 ވަނަ ފަންގިފިލާގައި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދީފައިވެއެވެ.

ސީންގައި ހުރި "ވިރާސީ" ގެ ޖާނަލިސްޓަކު މައުލޫމާތު ދިން ގޮތުގައި ގުދަނުގައި ގިނަ އަދަދެއްގެ ލަކުޑި ފިލާ ހުރި ކަމަށް އެ ތަނުގައި ހުރިު މީހަކު ބުނި ކަމަށާއި ގަދައަށް އަލިފާން ރޯވެފައި ހުރީ މި ފިލާތަކުގައި ކަމަށް ބެލެވެއެވެ. ނަމަވެސް އަލިފާން ރޯވި ސަބަބެއް އަދި މިވަގުތާ ހަމައަށްވެސް ސާފުނުވެއެވެ.

މި ހާދިސާގެ ވަގުތުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ހޯމްލޭންޑް މިނިސްޓަރު އިހުސާން ވަނީ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށް ވަޑައިގެން، އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާއެއް ވެފައިވާކަމަށް މިހާތަނަށް މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

އަލިފާނުގެ ސަބަބުން މުޅި ސަރަހައްދަށް ދުން ފެތުރި، މަގުމަތީގައި ދުއްވާ ފަރާތްތަކަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެފައިވީ ނަމަވެސް، މިހާރު އެ ސަރަހައްދުގެ ވައި ވަނީ ސާފުވާން ފަށާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0