އިސްލާހީ ގިނަ ލަނޑުދަނޑިތައް ހާސިލް ކުރެވިއްޖެ: މައުރޫފް

އެޗްޑީސީއާ ހަވާލުވި އިރު ހާސިލުކުރަން ބޭނުންވި އިސްލާހީ ގިނަ ލަނޑުދަނޑިތަކެއް ހުރި ކަމަށާއި، އޭގެ ތެރެއިން ގިނަ ކަންކަން މިހާރު ވަނީ ހާސިލުކުރެވިފައި ކަމުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް ވިދާޅުވެއްޖެއެވެ.
މައުރޫފް މިފަދައިން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި އެމަނިކުފާނުގެ ރިޓަޔަރމަންޓާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެޗްޑީސީއާ ހަވާލުވުމަށް ރައީސް އެދިވަޑައިގަތުމުން އެކަމާ ވަރަށް އުފާފުޅުވި ކަމަށާއި، އެއީ ރައީސް ދެއްވި "އާދަޔާ ޚިލާފު ފުރުސަތެއް" ކަމުގައެވެ.
މައުރޫފް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 24 އަހަރު ކުރިން ހުޅުމާލެ މަޝްރޫޢު ފެށިގެން އައި އިރު އޭގެ ޢަމަލީ މަސައްކަތުގައި އުޅުއްވާފައިވާތީ، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމާ ހަވާލުވުމަށް ރައީސް އެދިވަޑައިގަތުމުން އެއީ "ވަރަށް ޔުނީކް ފުރުސަތެއް" ގޮތުގައި ސިފަކުރެވުނު ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި، މަޤާމާ ހަވާލުވެވަޑައިގަތީ ރިޓަޔަރ ކުރައްވާ އުމުރު ގާތްވެފައި ހުރިކަން އެނގިހުރެ ކަމަށާއި، ލިބޭ ކުޑަ ދުވަސްކޮޅުގައި އިސްލާހީ ގިނަ ލަނޑުދަނޑިތަކެއް ހާސިލުކުރުމުގެ އުއްމީދުގައި ކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ ކަންކަން ހުރީ މިހާރު ހާސިލުވެފސއި ކަމަށެވެ.
މައުރޫފް އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އައްޔަންކުރެވުނި މީގެ ހަ މަސް ކުރިން، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ރިއެކްޓް



