ކުޅުދުއްފުށީ އެއާޕޯޓުގެ މެނޭޖަރު ހައްޔަރުކޮށްފި

ކުޅުދުއްފުށީ އެއާޕޯޓުގެ މެނޭޖަރު، އަބްދުލް އަހަދު މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހައްޔަރުކޮށްފިއެވެ.
އަހަދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ.
ފުލުހުންގެ ފަރާތުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، އަހަދު ހައްޔަރުކޮށްފައިވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ހަވާލުކުރުމަށް ކަމުގައެވެ.
ނަމަވެސް، އަހަދު ހައްޔަރުކުރެވުނު ވަކި މައްސަލައެއް ފުލުހުންގެ ފަރާތުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޢާއްމުގޮތެއްގައި ހައްޔަރުކޮށް ކަރެކްޝަންސްއާއި ހަވާލުކުރަނީ ރިމާންޑް ޖަލެއްގައި ބަންދުކުރާ މީހުން ކަމަށެވެ. ރިމާންޑް ޖަލުތަކުގައި ބަންދުކުރަނީ ކޯޓުން ކޮށްފައިވާ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުކުރާ ފަރާތްތަކެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި އަހަދު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުން މާލެ ގެނެވިފައެވެ.
ރިއެކްޓް



