ބޮޑު ޖަލްސާގައި ބައިވެރިވުމަށް ރައީސް އިބޫ މިއަދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެ

މާދަމާ ރޭ ކުޅުދުއްފުށި ސިޓީގައި އެމްޑީޕީން ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު މިއަދުގެ ހަވީރުގެ ވަގުތެއްގައި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެކަމަށް "ވިރާސީ" އަށް މަޢުލޫމާތު ލިބިއްޖެއެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި ރައީސް އިބްރާހިމް ވަނީ ހަނިމާދޫއަށް ވަޑައިގެންފައެވެ. އަދި އެރަށުގެ އެމްޑީޕީ މެންބަރުންނާއި ބައްދަލުކުރައްވައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ތައްޔާރީތަކާ ގުޅޭގޮތުން އިބޫ ވަނީ މަޝްވަރާކުރައްވާފައެވެ.
މި ޖަލްސާގައި އިބޫ ބައިވެރި ވެވަޑައިނުގަންނަވާނެ ކަމަށް ކުރިން ވަނީ ވާހަކަ ފެތުރިފައެވެ. ނަމަވެސް އިބޫއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެކަން ދޮގުކޮށްފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އިބޫ ނިންމެވީ މަހުގެ 7 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
އިބޫ އަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިޢުލާން ކުރައްވާފައިވާ ކެނޑިޑޭޓެކެވެ. އިބޫ ވާދަކުރައްވާނެކަން ހާމަކުރީ އިބޫއާއި އެންމެ ގާތް އެކަކު ކަމަށްވާ މުހައްމަދު ރަޝީދު (ބިގޭ) އެވެ. އިބޫގެ އިތުރުން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވެސް ވަނީ އިޢުލާންކުރައްވާފައެވެ.
ރިއެކްޓް



