ބެޑްމިންޓަން މުބާރާތަކަށް ޖޫނިއާ ޕޫލުގެ ކުޅުންތެރިން ތައިލެންޑަށް
ބެޑްމިންޓަން މުބާރާތަކަށް ޖޫނިއާ ޕޫލުގެ ކުޅުންތެރިން ތައިލެންޑަށް

ތައިލެންޑުގެ ޕަތުމްތާނީގައި މިމަހުގެ 20 އިން 25 އަށް އޮންނަ ބެޑްމިންޓަން މުބާރާތުގައި ބައިވެރިވުމަށް ޤައުމީ ޖޫނިއާ ބެޑްމިންޓަން ޕޫލުގެ ކުޅުންތެރިން ފުރައިފިއެވެ.
ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ބާއްވާ މި މުބާރާތުގައި 3 އުމުރުފުރާއަކުން ރާއްޖޭގެ ކުޅުންތެރިން ވާދަކުރާނެއެވެ.
ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް ކެޓެގަރީގައި ރާއްޖޭގެ ޤައުމީ ބެޑްމިންޓަން ޕޫލުގެ 13 އަހަރުން ދަށް، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށުގެ ކުޅުންތެރިން ވާދަކުރާނީ އޭޝިއާގެ އެންމެ މޮޅެތި ކުޅުންތެރިންނާއެވެ.
މި މުބާރާތުގައި ދުނިޔޭގެ ރޭންކިންގެ އެންމެ މަތީ ވަނަތަކުގައި ތިބި ކުޅުންތެރިން ވާދަކުރުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ކުޅުންތެރިންނަށް މި މުބާރާތަކީ ވަރަށް ވާދަވެރި އަދި މުހިއްމު ގިނަ ތަޖުރިބާތަކެއް ލިބިގެންދާނެ މުބާރާތެކެވެ.
ޖޫނިއާ ބެޑްމިންޓަން ކޯޗާއިއެކު ޓީމު ރާއްޖެއިން ފުރީ ރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ. ޖޫނިއާ ކުޅުންތެރިންނާއެކު ކުރީގެ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފުވެސް ވަނީ ތައިލެންޑަށް ފުރާފައެވެ.
ރިއެކްޓް



