ޚަބަރު

ހިޖާމާގެ ސެޝަނަކުން ހަތަރު ކިލޯ ލުއިވާނެކަމަށް ބުނި މައްސަލައެއް ހެލްތުން ބަލަނީ

ޖުލައި 9, 2025 - 18:37
 0
ހިޖާމާގެ ސެޝަނަކުން ހަތަރު ކިލޯ ލުއިވާނެކަމަށް ބުނި މައްސަލައެއް ހެލްތުން ބަލަނީ
ފޮޓޯ: ދަޕްރެސް

ހިޖާމާގެ އެންމެ ސެޝަނަކުން ތިން އިން ހަތަރު ކިލޯއާ ހަމައަށް ބަރުދަން ލުއިވާނެ ކަމަށް ބުނެ އިޝްތިހާރުކުރި މައްސަލައިގައި "ފަޒީސް ހިޖާމާ ތެރަޕީ" ގެ މައްސަލަ ސިއްހީ ވުޒާރާއިން ބަލަން ފަށައިފިއެވެ.

ފަޒީސް ހިޖާމާ ތެރަޕީން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހިޖާމާގެ އެންމެ ސެޝަނަކުން ތިން ނުވަތަ ހަތަރު ކިލޯ ލުއިވާނެ ކަމަށެވެ. އަދި މި ސެޝަނަށް ކުރިން ނަގަމުން އައި 1،000 ރުފިޔާގެ ބަދަލުގައި މިހާރު ނަގަނީ 500 ރުފިޔާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ. އަދި "ހިޖާމާ ޖެހުމަށްފަހު އެންމެ ކިލޯއެއްވެސް ލުއި ނުވެއްޖެނަމަ ޚަރަދަށް ދިޔަ ފައިސާގެ އިތުރުން 1،000 ރުފިޔާ ދޭނެ" ކަމަށްވެސް ބުނެފައިވެއެވެ.

އިތުރު ސަމާލުކަމެއް ދިނުމަކާ ނުލައި ހަމައެކަނި ހިޖާމާގެ ސެޝަނުން ބަރުދަން ލުއިވާނެ ކަމަށް ބުނެފައިވާއިރު، މި ސެޝަނާއެކު ކަސްރަތު ކުރުމާއި ކެއުން ބައްޓަންކުރުން ފަދަ އިތުރު ކަމެއް ކުރަން ނުޖެހޭނެ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެއެވެ. އަދި ހިޖާމާ ޖަހަން ޖެހޭނީ މަހަކު އެއްފަހަރު ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ފަޒީސް ހިޖާމާ ތެރަޕީގެ މައްސަލަ މީގެ ކުރިންވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ހުއްދަ ނުހޯދާ އެތަން ހިންގުމުގެ ސަބަބުން ވަނީ ބަންދުކުރެވިފައެވެ. ނަމަވެސް ފަހުން ސިއްހީ ވުޒާރާއިން ވަނީ ފަޒީލާއަށް ހިޖާމާ ޖެހުމުގެ ލައިސަންސް ދޫކޮށްފައެވެ.

މި މައްސަލައާ ގުޅޭގޮތުން ސިއްހީ ވުޒާރާއިން މިހާތަނަށް ދީފައިވާ ހަމައެކަނި މަޢުލޫމާތަކީ މައްސަލަ ބަލަމުންދާ ކަމެވެ. މި މައްސަލައާ ގުޅިގެން އިތުރު ފިޔަވަޅެއް އަޅާނަމަ އެކަން އާންމުކުރާނެ ކަމަށް ބެލެވެއެވެ

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0