ކާބޯތަކެއްޗަށް އެދި މަޑުކޮށްގެންތިބި ޣައްޒާގެ 72 މީހުން، އިސްރާއީލުން މަރާލައިފި

ޣައްޒާގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން އާދިއްތަ ދުވަހު ދިން ހަމަލާތަކުގައި، ކާބޯތަކެތި ބެހުމުގެ މަރުކަޒުތަކުގައި ކާބޯތަކެއްޗަށް އެދި ތިބި މީހުންނާއެކު، މަދުވެގެން 72 ފަލަސްތީނުން މަރުވެއްޖެއެވެ. މީގެ ތެރޭގައި ޣައްޒާ ސިޓީގެ އިތުރުން، އުތުރުގެ ސަރަހައްދުތަކުން މަދުވެގެން 47 މީހުން ހިމެނެއެވެ.
އަލްޖަޒީރާގެ ނޫސްވެރިޔާ މުއާތު އަލް-ކަހްލޫތު ރިޕޯޓުކުރި ގޮތުގައި، ޒައިތޫން އަދި ސަބްރާ ސަރަހައްދުތަކާއި އަލް-ޒަވިޔާ މާރުކޭޓަށް އިސްރާއީލުން ދިން ހަމަލާތަކާ ގުޅިގެން، އުތުރުގެ ސިޓީގައި ހުންނަ އަލް-އަހްލީ ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ޒަޚަމްވި އާންމުން ފަރުވާއަށް އެދި އައިސްފައިވެއެވެ. "މިތާ ވަރަށް ގިނަ އަދަދެއްގެ ޒަޚަމްވި އާންމުން އެބަތިބި، ކުޑަކުދިންވެސް ހިމެނޭގޮތަށް. އެނދާއި މެޑިކަލް ތަކެތި މަދުވުމުގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ބިންމަތީގައި އޮންނަން ޖެހިފައި އެބަތިބި،" އޭނާ ބުންޏެވެ.
މީގެ އިތުރުން ރަފާހުގެ އުތުރުގައި ހުންނަ ޣައްޒާ ހިއުމެނިޓޭރިއަން ފައުންޑޭޝަން (ޖީއެޗްއެފް) ހިންގާ ކާބޯތަކެތި ބެހުމުގެ މަރުކަޒުތަކާ ކައިރީގައި މަދުވެގެން 5 އެހީތެރިން (ހިއުމަނިޓޭރިއަނުން) މަރުވެފައިވެއެވެ.
ޣައްޒާ ގަވަރމަންޓް މީޑިއާ އޮފީހުން ބުނާގޮތުގައި، މޭ މަހުގެ ފަހުކޮޅު އިސްރާއީލުގެ ބްލޮކޭޑްގެ ދަށުން މަދު އަދަދެއްގެ އެހީގެ ތަކެތި ޣައްޒާއަށް ފޯރުކޮށްދޭން ފެށުމަށްފަހު، އިސްރާއީލުގެ ސިފައިން އާންމު ގޮތެއްގައި ތަކެތި ބެހުމުގެ މަރުކަޒުތަކާ ކައިރީގައި ތިބޭ ފަލަސްތީނުންނަށް އަމާޒުކޮށް، 580 އަށްވުރެ ގިނަ މީހުން މަރާލައި، 4،000 އަށްވުރެ ގިނަ މީހުން ޒަޚަމްކޮށްފައިވެއެވެ.
އިސްރާއީލުގެ މިލިޓަރީން އިރުމަތީ ޣައްޒާ ސިޓީގައި ލީފްލެޓްތައް އުކާލައި، އާންމުންނަށް ދެކުނަށް ދިއުމަށް އަމުރުކޮށްފައިވާއިރު، މި ލީފްލެޓްތަކަށްފަހު ގިނަފަހަރަށް ގަދަފަދަ އަދި ތަކުރާރުކޮށް ހަމަލާތައް އަންނަ ކަމަށް ރިޕޯޓުތަކުން ދައްކައެވެ.
މިހާރުވެސް ވަރަށް ނުރައްކާތެރި ހާލަތެއްގައި އޮތް އިންސާނީ ކާރިސާ ދުވަހެއް ދުވަހަކަށް އިތުރަށް ގޯސްވަމުންދާ ކަމަށް ވަނީ ފާހަގަކުރެވިފައެވެ.
ރިއެކްޓް



