ސީއެސްސީގެ ރައީސާއި ނާއިބު ކަމަށް އައްޔަންކުރަން ރައީސް ފޮނުއްވި ނަންތަކަށް މަޖިލީހުން ރުހުންދީފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް އަދި ނާއިބުރައީސް ކަމަށް އައްޔަންކުރުމަށް ރައީސް ޑރ. މުޢިއްޒު ފޮނުއްވި ނަންތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
ސީއެސްސީގެ ރައީސް ކަމަށް އައްޔަންކުރަން ރައީސް ފޮނުއްވި ނަމަކީ އަލްއުސްތާޒް މުހައްމަދު މުޖުތާޒުއެވެ. އަދި ނައިބު ރައީސް ކަމަށް އައްޔަންކުރަން ފޮނުއްވި ނަމަކީ މިހާރު ސީއެސްސީގެ ރައީސްކަން ކުރައްވާ މުހައްމަދު ނާސިހުއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަޖިލީހަށް ހުށަހެޅުއްވި ނަންތަކަށް ވޯޓު ނެގުމުން، ސީއެސްސީގެ ރައީސްކަމަށް މުޖުތާޒު އައްޔަންކުރުމަށް 68 މެންބަރުން ފެންނަ ކަމަށް ވޯޓުދެއްވިއެވެ. އަދި ނާސިހު ނައިބު ރައީސްކަމަށް އައްޔަންކުރުމަށް 64 މެންބަރުން ފެންނަ ކަމަށް ވޯޓުދެއްވިއިރު، ނުފެންނަ ކަމަށް ވޯޓުދެއްވީ އެންމެ މެންބަރެކެވެ.
ސީއެސްސީގެ އަލަށް އައްޔަންކުރެވުނު ރައީސް މުހައްމަދު މުޖްތާޒަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަނުން ބެޗްލަރ އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ރައީސް އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ މަޤާމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ފަދަ އިސް މަޤާމުތައް ފުރުއްވާފައެވެ.
ސިވިލްސަރވިސް ކޮމިޝަނަށް މި ބަދަލުތައް ގެނެވުނު އިރު, މި ކޮމިޝަނާއި ގުޅުންހުރި ބިލެއް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހުން ދަނީ ތައްޔާރުވަމުންނެވެ. މަޖިލީހުގެ މިނިވަން މުވައްސަސާ ކޮމިޓީގައި މިހާރު އޮތް "މީޑިއާ ކޮންޓްރޯލް ބިލު" ގައި ބުނާ ގޮތުން އެ ޤާނޫނު ތަސްދީގު ކުރުމާއި އަލަށް އުފައްދާ މީޑިއާ ކޮމިޝަން އުފެއްދުމާއި ދެމެދު މީޑިއާގެ ކަންކަން މޮނީޓަރކޮށް ރެގިއުލޭޓް ކުރާނީ ސިވިލްސަރވިސް ކޮމިޝަނުން އުފައްދާ ވަގުތީ ކޮމިޝަނަކުންނެވެ.
ސިވިލް ސަރވިސްގެ ޤާނޫނުގެ ދަށުން، ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގެ މަރުހަލާތަކާއި، ކޮމިޝަންގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމުގެ ބާރުތައް ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށެވެ. ނަމަވެސް މެންބަރުންގެ ނަން ފޮނުވުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ.
ރިއެކްޓް



