ޚަބަރު

ނޫސްވެރިން "މީޑިއާ ފެންޑާ" ބޭނުންކުރަން ފެށުމުން އެތަން އުވާލައިފި

ސެޕްޓެމްބަރު 14, 2025 - 18:49
 0
ނޫސްވެރިން "މީޑިއާ ފެންޑާ" ބޭނުންކުރަން ފެށުމުން އެތަން އުވާލައިފި
މީޑިއާ ފެންޑާ ބޭނުންކުރަމުންދިޔަ ނޫސްވެރިންނާއި ޔޫތް މިނިސްޓަރ އަދި ރައީސްއޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރ ބައްދަލުކުރައްވަނީ -- ފޮޓޯ: ވިރާސީ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭރުގައި މިދިޔަ މެއި މަހުގެ 29 ގައި ޤާއިމުކުރި "މީޑިއާ ފެންޑާ" އުވާލައިފިއެވެ.

ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިގޮތަށް ނިންމާފައިވަނީ ހުއްދަ ނުނަގައި ބައެއް ފަރާތްތަކުން އެތަން ބޭނުންކުރަމުން ދިއުމާއި، އުސޫލުތަކާ ޚިލާފު ޢަމަލުތައް ހިންގަމުން ދިއުމުގެ ސަބަބުންނެވެ.

އަދި ހުއްދަ ނުނަގައި ބައެއް ފަރާތްތަކުން އެތަނަށް ވަދެ، އުސޫލުތަކާ ޚިލާފު ޢަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދިއުމުގެ ސަބަބުން، ޚަބަރާއި މަޢުލޫމާތު ހޯދުމުގެ މަސައްކަތް ނުކުރެވޭކަމުގެ ޝަކުވާ ހުއްދަ ނަގައިގެން އެތަން ބޭނުންކުރާ ނޫސްވެރިން ކުރަމުންދާކަމަށްވެސް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ގްރީންޒޯނުގައި ޤާއިމުކޮށްފައިވާ "މީޑިއާ ފެންޑާ" އުފެއްދި ބޭނުން ހާސިލުވެފައި ނުވާކަން ރައީސްއޮފީސް ސަރަޙައްދުގައި ހިނގާ ކަންކަމުގެ ޚަބަރާއި މަޢުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު އެކަމަށް ބޭނުންވާ ނޫސްވެރީންނަށް އެހެން ގޮތަކަށް ހަމަޖައްސައިދިނުމަށް ނިންމައި، "މިއަދުން ފެށިގެން މީޑިއާ ފެންޑާ އުވާލައިފައިވާކަމަށް" ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ރައީސް އޮފީހުން މިފަދައިން ބުނެފައިވީ ކަމުގައި ވިޔަސް "މީޑިއާ ފެންޑާ" ޤާއިމުކުރިފަހުން އެތަން އެއްވެސް ވަރަކަށް ނޫސްވެރިން ބޭނުންކޮށްފައެއް ނުވެއެވެ. ނޫސްވެރިން "މީޑިއާ ފެންޑާ" ބޭނުންކުރަން ފަށާފައިވަނީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ "މީޑިއާ ކޮންޓްރޯލް ބިލް" އާއި މެދު ހުރި ކަންބޮޑުވުންތައް ހާމަކުރުމަށާއި ރައީސް އޮފީސް ކައިރިން މިނިސްޓަރުން އަދި ސަރުކާރުގެ އިސްވެރިންނާއި ސުވާލުކުރުމަށެވެ.

އަމިއްލަ މެންބަރަކު މަޖިލީހަށް ހުށަހެޅި މި ބިލު ބޭރުކޮށްލުމަށް ރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިން ގޮވާލަމުންދާއިރު, މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ސަރުކާރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ މި ގޮވާލުންތަކަށް ބީރު ކަންފަތެއް ދީފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0