ޖަޕާނުގައި ނިޔާވި ޚާރިޖީ ވުޒާާރާާގެ މުވައްޒަފުގެ ހަށިގަނޑު މާަލެ ގެނެސް ޖަނާޒާ ބާއްވައިފި

ޖަޕާނުގައި މާސްޓަރސް ޑިގްރީ ހާސިލުކުރަމުން ދަނިކޮށް ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފު، ބ. ތުޅާދޫ، ކާނިމާގެ، ލުޖައިނާ ތަސްނީމާ (29 އ)ގެ ހަށިގަނޑު ރާއްޖެ ގެނެސް މިއަދު ޖަނާޒާ ބާއްވައިފިއެވެ.
ލުޖައިނާގެ ޖަނާޒާގެ ކަންކަން ކުރިޔަށް ގެންގޮސްފައިވަނީ މަސްޖިދު ޒައިދުބިން ޘާބިތް (ހުޅުމާލޭ ސަހަރާ މިސްކިތު) ގައެވެ. އޭނާގެ ހަށިގަނޑު ރާއްޖެ ގެނެސްފައިވަނީ ޖަޕާނުގެ ޤާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް އޮޓޮޕްސީ ހެދުމަށްފަހުގައެވެ. ޖަޕާނުގެ ގަވާއިދުތަކުގެ ދަށުން، އެޤައުމުގައި ނިޔާވާ މީހުންގެ ހަށިގަނޑު އެހެން ޤައުމަކަށް ގެންދާނަމަ، އޮޓޮޕްސީ ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
2023 ވަނަ އަހަރުގެ އޯގަސްޓް 20 ވަނަ ދުވަހު މާސްޓަރސް ޑިގްރީ ފުރިހަމަ ކުރުމަށް ޖަޕާނަށް ފުރި ލުޖައިނާ ނިޔާވެފައިވަނީ ކޯސް ނިންމުމަށްފަހު ގްރެޖުއޭޝަން ހަފްލާގައި ބައިވެރިވުމަށް މަޑުކޮށްގެން ހުއްޓައެވެ. އޭނާ ނިޔާވިއިރު ގްރެޖުއޭޝަނަށްފަހު މާލެ އައުމަށް ރާވާފައިވާކަން އެނގިފައިވެއެވެ.
ޖަޕާނުގެ ކަމާބެހޭ އިދާރާތަކުން އޭނާގެ މަރު ކަށަވަރުކޮށްދީފައިވަނީ އޯގަސްޓް 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ލުޖައިނާ ނިޔާވެފައި އޮއްވާ ފެނިފައިވަނީ އޭނާ ދިރިއުޅުނު ކޮޓަރިންނެވެ. އަދި އޭނާ ނިޔާވިއިރު، އާއިލާއިން އޭނާގެ ޚަބަރެއް ނުވެގެން އުޅޭތާ ދެ ދުވަސްވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރިއެކްޓް



