އަމީރު ރައީސް މުއިއްޒަށް: ރަށްރަށުގެ ބޮޑުމިނަށް ބަލައި ބްލޮކް ގްރާންޓް ކަނޑައަޅާތާ 5 އަހަރު ވެއްޖެ

ކައުންސިލްތަކަށް ދޫކުރާ ބްލޮކް ގްރާންޓްގެ ފިސްކަލް ފޯމިއުލާ މުރާޖަޢާކޮށް ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކުރަން ނިންމަވާފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވުމާ ގުޅިގެން، އެއީ މިހާރުވެސް އަމަލުކުރަމުންދާ އުސޫލެއް ކަމަށް ބުނެ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައީސް މުޢިއްޒަަށް ރައްދު ދެއްވާފައެވެ.
ސޯޝަލް މީޑިއާގައި އަމީރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، 2020 ވަނަ އަހަރުން ފެށިގެން ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް ބްލޮކް ގްރާންޓްގެ އުސޫލުން ފައިސާ ދޭން ފެށި އިރުއްސުރެ، ބްލޮކް ގްރާންޓް ދިނުމުގެ ފިސްކަލް ފޯމިއުލާގައި ދެވަނައަށް އެންމެ ބޮޑަށް ބަލަމުން އަންނަނީ ރަށުގެ ސައިޒަށް ކަމަށެވެ.
މިއީ ކައުންސިލްތަކގެ ބްލޮކް ގްރާންޓް ކަނޑައަޅާ ގޮތް ބަދަލުކުރައްވަން ނިންމެވި ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު ކުރެއްވި ޕޯސްޓަށް ރައްދު ދެެއްވައި އަމީރު ކުރެއްވި ޕޯސްޓެކެވެ. ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، "މިހާރު ބްލޮކް ގްރާންޓްގެ ފިސްކަލް ފޯމިއުލާ ކަނޑައަޅާފައިވާ ގޮތުން ކައުންސިލްތަކަށް ގެއްލުންވާތީ، އެ ފޯމިއުލާ މުރާޖާކުރުމުގައި ރަށުގެ ބޮޑުމިނަށް ރިއާޔަތްކުރެވޭ ގޮތަށް ބަދަލުކޮށް، 2026 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅާއިރު މި ބަދަލާއެކު ހުށަހެޅުމަށް ނިންމާފައިވާ" ކަމަށެވެ.
އެހެންނަމަވެސް، އަމީރު ފާހަގަކުރައްވާފައިވާ ގޮތުގައި 2020 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް ދައުލަތުގެ ބަޖެޓުން ބްލޮކް ގްރާންޓް ދޭން ފެށި ފަހުން، ބްލޮކް ގްރާންޓް ކަނޑައަޅާ ފޯމިއުލާގައި ދެވަނައަށް އެންމެ ބޮޑަށް ރިޢާޔަތްކުރަމުން އަންނަނީ ރަށުގެ ބިމުގެ ބޮޑުމިނަށެވެ.
މިކަމުން ފާހަގަވަނީ ރައީސް މުޢިއްޒު އަލަށް ތަޢާރަފުކުރައްވަން ނިންމެވި ކަމަށް ވިދާޅުވި ބަދަލަކީ މިހާރުވެސް އަމަލުކުރަމުންދާ އުސޫލެއްކަން ކަމަށާއި އަަބަދުވެސް އޮޅުވާލައި މަކަރު ހައްދަވަން ރައީސް އުޅުއްވާކަމަށް އަމީރު ވިދާޅުވިއެވެ.
ރިއެކްޓް



