ޚަބަރު

ޗައިނާ ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑައިގެންފި

ސެޕްޓެމްބަރު 4, 2025 - 20:12
ސެޕްޓެމްބަރު 4, 2025 - 20:14
 0
ޗައިނާ ދަތުރުފުޅު ނިންމަވާލައްވައި ރައީސް މާލެ ވަޑައިގެންފި

ޗައިނާގެ ރައީސް، ޝީ ޖިންޕިންގގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.

ރައީސް އޮފީހުން ފާހަގަކުރެއްވި ގޮތުގައި މިދަތުރުފުޅަކީ ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދިޔަ މުހިންމު ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓްގައި ބައިވެރިވެވަޑައިގެން، އެހެން ގައުމުތަކުގެ އިސްވެރިންނާއެކު އެސް.ސީ.އޯ. ޕްލަސްގެ މަތީ ފެންވަރުގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުންތަކުގައި ރައީސް ވަނީ ސަރަހައްދީ އަދި ބައިނަލްއަގްވާމީ މުހިންމު މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ދަތުރުފުޅުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ އާއެކު ބޭއްވުނު ބައްދަލުކުރެއްވުމެވެ. މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ދެގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށާއި ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން ދެއްވުމަށް އެއްބަސްވެވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމާބެހޭ މުހިންމު ފަހުމުނާމާތަކެއްގައި ވަނީ ސޮއިކުރެވިފައެވެ. އަދި ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިއީ ރައީސް ޑރ. މުއިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން، ޗައިނާއަށް ކުރެއްވި ދެވަނަ ރަސްމީ ދަތުރުފުޅުކަމެވެ. މި ދަތުރުފުޅުން ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، އިގްތިސާދީ އަދި އިޖްތިމާއީ ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0