ޚަބަރު

ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް ފަށައިފި

ސެޕްޓެމްބަރު 4, 2025 - 10:38
 0
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކުރުމުގެ މަސައްކަތް ފަށައިފި

ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ އިން ވަކިކޮށް، ކަޑަ ޖެހުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ފަށައިފިއެވެ.

މި މަސައްކަތް ނިމުމާއެކު އަންނަ ހަފްތާއިން ފެށިގެން ބިންތައް އޭގެ ވެރިފަރާތްތަކާ ޙަވާލުކުރަން ފަށާނެ ކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ވުޒާރާއިން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެކުލަވާލި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން ގެނައި ބަދަލާއި، ގިރާވަރުފަޅުން ކުރިން ދޭން ނިންމާފައިވާ ބައެއް ގޯތިތައް ގުޅީފަޅުން ދޭގޮތަށް ހަމަޖެއްސުމާ ގުޅިގެން، ކުރީގެ ރަޖިސްޓްރީތައް ބާތިލްކުރެވި، މިދިޔަ މެއި މަހު އަލުން ގުރުއަތުލައި ގޯތި ލިބޭ ތަންތަން އަލުން ކަނޑައަޅާފައިވެއެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުން 1,260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފައިވާއިރު، އަލަށް އެކުލަވާލި ލޭންޑް ޔޫސް ޕްލޭންގައި ދިރިއުޅުމަށާއި، ސޯޝަލް ހައުސިންގއަށާއި، ތަޢުލީމީ، ސިއްޙީ، އިންޑަސްޓްރިއަލް، އަދި ސިޓީ ހޮޓާ ފަދަ ޚިދުމަތްތަކަށް ބިން ކަނޑައަޅާފައިވެއެވެ. އަދި ހިތްފަސޭހަ ދިރިއުޅުމަކަށް ޕާކުތަކާއި ކުޅިވަރު ސަރަހައްދުތައް ވެސް ހިމަނާފައިވެއެވެ.

ނަމަވެސް، އަލަށް ރަޖިސްޓްރީ ހޯދުމަށް އެދި ހުށަހެޅުމަށް މިދިޔަ މަހުގެ ފުރަތަމަ ދުވަހު ހުޅުވާލި ނަމަވެސް، ބައެއް ގޯތި ލިބުނު ފަރާތްތަކުން ވަނީ އާ އެއްބަސްވުމުގައި ސޮއިކުރަން އިންކާރުކޮށްފައެވެ. އެފަރާތްތަކުން ބުނާގޮތުގައި އަލަށް ހަދާ އެއްބަސްވުމާއި ގޯތި ދިނުމުގެ އުސޫލާ ފުށުއަރާ ކަންތައްތަކެއް ހުރެއެވެ.

ސަރުކާރުން ޖުމްލަ 2,438 ގޯތި ގުޅީފަޅުން ދޫކުރުމަށް ނިންމާފައިވާއިރު، މީގެ ތެރޭގައި ގިރާވަރު ފަޅުން ގުޅީފަޅަށް ބަދަލުކުރި 1,347 ގޯތި ހިމެނެއެވެ. ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ، ގުޅީފަޅު އަދި ގިރާވަރު ފަޅުން ޖުމްލަ 9,031 ގޯތި މާލޭ މީހުންނަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0