އެސްޑީއެފްސީގެ އެމްޑީގެ މަޤާމަށް ބަދުރުއްދީން އައްޔަންކޮށްފި

ބޭންކް އޮފް މޯލްޑިވްސްގެ ދަށުން ހިންގުމަށް ހަމަޖައްސާފައިވާ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދުރުއްދީން ހަސަން މިއަދު އައްޔަންކޮށްފިއެވެ. މިއީ މިދިޔަ މާޗް މަހު އެ މަގާމުން އައިޝަތު ފިފްޝީން އަލީ ވަކިކުރުމަށްފަހު އެ މަގާމަށް ކުރެވުނު އައު އައްޔަންކުރުމެވެ.
ބަދުރުއްދީން ހަސަނަކީ ބޭންކިންގް އަދި ފައިނޭންޝަލް ސާވިސް ދާއިރާގައި 13 އަހަރަށްވުރެ ދިގު ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް އިން އެމްބީއޭ ހާސިލްކުރައްވާފައެވެ. މީގެއިތުރުން އޭޝިއަން އިންސްޓިޓިއުޓް އޮފް ޗާޓާޑް ބޭންކާސް އިން ޗާޓާޑް ބޭންކާ ޕްރޮފެޝަނަލް ކޮލިފިކޭޝަން ވެސް ހާސިލްކުރައްވާފައިވެއެވެ.
2012 ވަނަ އަހަރު ބީއެމްއެލްއާ ގުޅިވަޑައިގަތް ބަދުރުއްދީން، އެ ބޭންކުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ރީޓެއިލް ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖާ، ސީނިއާ މެނޭޖާ އޮފް ރީޓެއިލް ބޭންކިންގް، އަދި ހެޑް އޮފް ރީޓެއިލް ބޭންކިންގް އެންޑް ކާޑްސް ފަދަ މުހިންމު މަގާމުތައް ފުރުއްވާފައިވެއެވެ. އެސްޑީއެފްސީއަށް ވަޑައިގަތުމުގެ ކުރިން އަދާކުރައްވަމުން ގެންދެވީ ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިންގްގެ މަގާމެވެ.
އެސްޑީއެފްސީގެ މާލީ ގާބިލްކަން އިތުރުކޮށް އަދި ލޯނުތައް ހުއްޓުމެއް ނެތި ދިނުމަށްޓަކައި، އެ ކޯޕަރޭޝަންގައި އޮންނަ ސަރުކާރުގެ ހިއްސާ ބީއެމްއެލްއަށް ވިއްކާލުމަށް ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުން ނިންމަވާފައެވެ.
އެސްޑީއެފްސީގެ އައު ބޯޑުގައި ހިމެނިވަޑައިގަންނަވަނީ މުހައްމަދު ޝަރީފް (ޗެއާޕާސަން)، ބަދުރުއްދީން ހަސަން (މެނޭޖިން ޑިރެކްޓަރ)، ފާތިމަތު ޔަމްނާ، ފާތިމަތު ފަރިހަތު ވަހީދު، ފާތިމަތު އަޒްމާ އަދި އަހުސަލް މުހައްމަދެވެ.
ރިއެކްޓް



