ފިއްތުންތަކާއެކުވެސް 150 އަށްވުރެ ގިނަ ނޫސްވެރިން ޕެޓިޝަނުގައި ސޮއިކުރި

މީޑިއާތައް ސަރުކާރުގެ ކޮންޓްރޯލުގެ ދަށަށް ގެންދިއުމަށް ފަރުމާކޮށް, ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލްހަންނާން އަބޫބަކުރު ރައްޔިތުންގެ މަަޖިލީހަށް ހުށަހަޅާފައިޗާ ބިލު މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލާ ޕެޓިޝަނެއްގައި 150 އަށްވުރެ ގިނަ ނޫސްވެރިން ސޮއިކޮށް މިއަދު ރައްޔިތުންގެ މަޖިލީހަށް އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅައިފިއެވެ.
މީޑިއާ ކޮންޓްރޯލް ބިލަކީ ސަރުކާރު ހިންގާ ޕާޓީ, ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ހުށަހެޅި ބިލަކަށް ނުވިކަމުގައި ވިޔަސް އެ ޕާޓީގެ ޕީޖީ ގްރޫޕުން ވަނީ ބިލަށް ތާއީދުކޮށް, މަޖިލީހަށް ބިލު ބަލައިގަނެ, ކޮމިޓިއަށް ދިރާސާ ކުރުމަށް ފޮނުވާފައެވެ.
މި ބިލާއި ދެކޮޅަށް ނޫސްވެރިން ބަސްބުނެ އިހުތިޖާޖު ކުރަން ފެށުމުން ނޫސްވެރިންނަށް އެކި ގޮތްގޮތުން ފިއްތުންތަކާއި ބިރުދެއްކުމުގެ ޢަމަލުތައް އެކި ފަރާތްތަކުން ހިންގާފައިވެއެވެ. މިގޮތުން މި ބިލު ބޭރުކޮށްލުމަށް އަޑު އުފުލި ނޫސްތަކަށް ސަރުކާރުގެ ކުންފުނިތަކުން ދީފައި ހުރި ސްޕޮންސާތައް ކަނޑާލާފައިވާކަން ބައެއް ނޫސްތަކުން ވަނީ ކަށަވަރުކޮށްދިފައެވެ.
އަދި ބައެއް ނޫސްތަކާއި ޓީވީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޕެޓިޝަނުގައި ސޮއިކުރުމަށް މަނާކޮށްފައިވާކަން އެ ނޫސްވެރިން ވަނީ ހާމަކޮށްފައެވެ.
އަދި މީގެ އިތުރުން ބައެއް ނޫސްވެރިންނަށް ބިރު ދެއްކުމުގެ ގޮތުން އުޅޭ ނޫޅޭ ގޮތް ބަލައި ވީޑިއޯ އަދި ފޮޓޯ ނަގައި ސޯޝަލްމީޑިއާގައި ކާކުކަން ނޭނގޭ އެކައުންޓްތަކުން ޕޯސްޓްކޮށްފައިވެއެވެ. އަދި ބައެއް ނޫސްވެރިންނަށް މެސެޖުކޮށް ބިރުދަައްކާފައިވެއެވެ.
މި ހުރިހާ ފިއްތުންތަކަކާއި އެކުވެސް ނޫސްވެރިންގެ ތެރެއިން 150 އަށް ވުރެ ގިނަ ފަރާތުން މި ޕެޓިޝަނުގައި ސޮއިކޮށް ރައްޔިތުންގެ މަޖިލީހަށް އަދި ރައީސުލޖުމްހޫރުއްޔާގެ އޮފީހަށް މިއަދު މެންދުރު ވަނީ ހުށަހަޅާފައެވެ.
ރިއެކްޓް



