ރީޖަނަލް އެއާޕޯޓުތައް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށްފި

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް) ގެ ދަށުން ހިންގަމުން އައި ހުރިހާ ސަރަހައްދީ އެއާޕޯޓުތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށަށް ބަދަލުކޮށްފިއެވެ.
އެމްއޭސީއެލްއިން މަޢުލޫމާތު ދެއްވި ގޮތުގައި، މީގެ ދެ ހަފުތާއެއްހައި ދުވަސް ކުރިން ރީޖަނަލް އެއާޕޯޓްސް ކުންފުނިން ހިންގަމުން އައި ނުވަ އެއާޕޯޓެއް ހިންގުމުގެ ހުރިހާ ކަމެއް އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށް ނިމިފައިވެއެވެ. ނަމަވެސް ރީޖަނަލް އެއާޕޯޓްސް ކުންފުނި އުވާލުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.
އެމްއޭސީއެލްގެ ދަށަށް ބަދަލުކުރެވުނު އެއާޕޯޓުތަކުގެ ތެރެއިން ގިނަ އެއާޕޯޓުތަކެއް ހުރީ ވަރަށް ބޮޑަށް ހާލު ދެރަވެފައެވެ. އެގޮތުން ބައެއް އެއާޕޯޓުތަކުގައި އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ މައްސަލަ ވަރަށް ބޮޑެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި އެ އެއާޕޯޓުތަކަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް އެމްއޭސީއެލްއިން މިހާރު ދަނީ ކުރަމުންނެވެ.
މި ބަދަލާއެކު، އެއާޕޯޓުތަކުގެ ހުރިހާ މުވައްޒަފުންވެސް އެމްއޭސީއެލްގެ ދަށަށް ބަދަލުކުރެވިފައިވެއެވެ. އަދި މީގެ އިތުރުން، ކުރިން މޯލްޑިވިއަންއިން ހިންގަމުން އައި ޑޮމެސްޓިކް އެއާޕޯޓުތަކުގެ ގްރައުންޑް އޮޕަރޭޝަންތަކާވެސް އެމްއޭސީއެލްއިން ވަނީ ހަވާލުވެފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން ބައެއް ކުންފުނިތައް އުވާލުމާއެކު، އަނެއްބައި ކުންފުނިތައް އެއްކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާކަމެވެ. މިކަމުގެ މުހިންމުކަން ފާހަގަކުރެވެނީ ދައުލަތުން ކެޕިޓަލް ދީގެން ހިންގަމުން އަންނަ ގިނަ ކުންފުނިތަކަކީ ގެއްލުމުގައި ހިންގާތާ އަހަރުތަކެއް ވެފައިވާ ކުންފުނިތަކަކަށް ވާތީއެވެ.
ރިއެކްޓް



