ފަޔަރ ޓްރަކް ހަލާކުވެ ފުވައްމުލަކު އެއާޕޯޓު ވަގުތީގޮތުން ބަންދު

ފުވައްމުލަކު އެއާޕޯޓުގައި ބޭނުންކުރާ ފަޔަރ ޓްރަކްގެ ހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން އެ އެއާޕޯޓް ވަގުތީ ގޮތުން ބަންދުކުރަން ޖެހިއްޖެއެވެ.
ފަޔަރ ޓްރަކުގެ ހޮޅިއެއް ފަޅައިގެން ދިޔަކަމަށް ފުވައްމުލަކު އެއާޕޯޓުގައި މަސައްކަތްކުރާ މީހަކު ވަނީ "ވިރާސީ" އަށް ކަށަވަރުކޮށްދީފައެވެ.
މޯލްޑިވިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެއާޕޯޓް ވަގުތީގޮތުން ބަންދުކުރަން ޖެހުނު ކަން އެނގުނީ އިއްޔެގެ ލަސް ވަގުތެއްގައި ކަމަށާއި، އަދި އެއާޕޯޓް އަލުން ހުޅުވޭނެ ތާރީޚެއް މި ވަގުތު ކަނޑައެޅިފައި ނުވާ ކަމަށެވެ.
"އެއާޕޯޓް ބަންދުކުރަން ޖެހުމާ ގުޅިގެން ސްކެޖުއަލް ކުރެވިފައިވާ ފްލައިޓްތަކަށް ބަދަލު އަންނާނެ" ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ.
އެއާލައިނުން އިތުރަށް ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަސިންޖަރުންނަށް އެކަން އަންގައި، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އަދި ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެފައިވާ ދަތިތަކަށް މާފަށް އެދި، ދެއްވަމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން ރީޖަނަލް އެއާޕޯޓްސްއިން އެއްވެސް ބަޔާނެއް އަދި ދީފައެއް ނުވެއެވެ. ނަމަވެސް އިތުރު މައުލޫމާތު ހޯދުމަށް މޯލްޑިވިއަންގެ 24 ގަޑިއިރުގެ ހިދުމަތްދޭ ނަންބަރު 1671 އަށް ގުޅުމަށް އެ އެއާލައިނުން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ފުވައްމުލަކު އެއާޕޯޓަކީ އެ ސިޓީގެ ވައިގެ ދަތުރުފަތުރުގެ މައި ވައިގެ ބަނދަރެވެ. މި އެއާޕޯޓް ބަންދުވުމުގެ ސަބަބުން ފުވައްމުލަކަށް ކުރާ ވައިގެ ދަތުރުތަކަށް ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ފާހަގަކުރެވެއެވެ.
ރިއެކްޓް



