ޚަބަރު

ރައްޔިތުންގެ މަޖިލީހަށް މީޑިއާ ރެގިއުލޭޝަން ކޮމިޝަނުގެ މެންބަަރުން ވަކިކުރެވުމަކީ މަސްލަހަތު ފުށުއަރާކަމެއް: ނަހުދާ

އޮގަސްޓް 31, 2025 - 17:45
 0
ރައްޔިތުންގެ މަޖިލީހަށް މީޑިއާ ރެގިއުލޭޝަން ކޮމިޝަނުގެ މެންބަަރުން ވަކިކުރެވުމަކީ މަސްލަހަތު ފުށުއަރާކަމެއް: ނަހުދާ
އެމްއެމްސީގެ މެންބަރު ނަހުދާ -- ފޮޓޯ: ސަން

ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން ހުށަހަޅުއްވާފައިވާ މީޑިއާ ރެގިއުލޭޝަން ބިލުގަައި މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނުގެ މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ދީފައި އޮތުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރު ފާތިމަތު ނަހުދާ ފާއިޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާބެހޭ ކޮމިޓީން މޯލްޑިވްސް މީޑިއާ ކައުންސިލާއި އެކު މިއަަދު ބޭއްވި ބައްދަލުވުުމުގައި ވާހަކަދައްކަވަމުން ނަހުދާ ވިދާޅުވީ ދައުލަތުގެ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން ޖަވާބުދާރީ ކުރުވާ ބަޔަކީ ނޫސްވެރިން ކަމަށާއި, ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ގުޅޭ ހަބަރުތައް އަބަދުމެ ގެނެސްދޭ ނޫސްވެރިންގެ ކަންކަން ރެގިއުލޭޓްކުރާ ކޮމިޝަނުގެ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބިގެންވުމަކީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހަށް އެބަ ބާރު ލިބިގެންވޭ އެ މެންބަރުން މަޤާމުން ވަކިކުރުމުގެ. ނޫސްތަކުގައި އެންމެ ގިނައިން ޚަބަރު ލިޔާ ބަޔަކަށް ވާނީ ނޫސްވެރިން އެންމެ ގިނައިން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޚަބަރު މި ލިޔަނީ. ކޮންފްލެކްޓް އޮފް އިންޓްރަސްޓް؛ މަޞްލަޙަތު ފުށުއަރާ އެބަ މެންބަރުން. ހަމަ އެ ބޭފުޅުން ހިތްހަމަނުޖެހޭ ވާހަކައެއް ނޫސްތަކަށް ޝާއިޢުކުރާ ހިސާބުން އެބަ ބާރު ލިބިގެންވޭ، ބަހުސްގައި ވެސް ޒާތީ މައްސަލަތައް ތަޅުމުގައި އަޑުއިވޭއިރުގައި، އެއްވެސް ކަހަލަ ބެލެންސެއް ނުފޫޒުކުރެވޭ ގޮތަށް ވަރަށް ބޮޑަށް ޖާގަ އެބައޮވޭ." ކޮމިޝަނުގެ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް އޮތުމުން މަސްލަހަތު ފުށުއަރާގޮތް ކޮމިޓީއަށް ކިޔައިދެއްވަމުން ނަހުދާ ވިދާޅުވިއެވެ.

އަދި ބިލުގައި ކަނޑައަޅާފައިވާ މީޑިއާ ރެގިއުލޭޝަން ކޮމިޝަނުގެ ކޮމްޕޮޒިޝަންގެ އެންމެ ބޮޑު މައްސަލައަކީ ކޮމިޝަނަށް ސިޔާސީ ނުފޫޒު ވަނުން ކަމުގައި ނަހުދާ ފާހަގަކުރެއްވިއެވެ.

ނަހުދާގެ ވަނީ މި ބައްދަލުވުމުގައި މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި އޮތް މި ބިލުގައި ހުރި ބައެއް ބޮޑެތި މައްސަލަތަކަށް އަލިއަޅުވާލާފައެވެ.

މިގޮތުން މީޑިއާ ރެގިއުލޭޓްކުރާ ކޮމިޝަނުގެ މެންބަރުން އައްޔަންކުރުމަށް ވޯޓުދެވޭ ގޮތް ބިލުގައި ކަނޑައަޅާފައިވަނީ ސަރުކާރުގެ ކޮންޓްރޯލް މި ކޮމިޝަނުގެ މައްޗަށް އޮންނާނެ ގޮތް ހެދުމަށް ކަމަށް ނަހުދާ ފާހަގަކުރެއްވިއެވެ. އެގޮތުން  ކޮމިޝަނުގެ އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު މީޑިއާތަކާއި ވަކި ވަކީ ނޫސްވެރިންނަށް މި ބިލުގައި ދީފައިވާއިރު, ދައުލަތުގެ މީޑިއާގައި އެކަނިވެސް 8 މީޑިއާ އާއި އަމިއްލަ މީޑިއާތަކާއި ނުބައްދަލު އަދަދަށް މުވައްޒަފުންގެ ގޮތުގައި ނޫސްވެރިން ތިބިކަން ނަހުދާ ފާހަގަކުރެއްވިއެވެ.

"ކޮންމެ މީޑިއާއަކުން އެއް ވޯޓު އަދި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނަށް އެއް ވޯޓު، ކޮންމެ ނޫސްވެރިއަކަށް ވޯޓުލެވޭ ގޮތަށް ބަލާއިރުގައި ދައުލަތުގެ މީޑިއާގައި [ޕީއެސްއެމް] މުވައްޒަފުންގެ އަދަދު ރާއްޖޭގައި ހިންގާ އެހެން ހުރިހާ ޕްރައިވެޓް މީޑިއާތަކާއި ބްރޯޑްކާސްޓަރުންނާ ނުބައްދަލު. އާންމުކޮށް މީޑިއާއެއްގައި އެންމެ ގިނަވެގެންވެސް މަސައްކަތް މި ކުރަނީ ވިހި ނުވަތަ ތިރީސް މުވައްޒަފުން. ގިނަ ތަންތަނުގައި ދިހައެއް މުވައްޒަފުން ލައިގެން މަސައްކަތްކުރާ މީޑިއާތައް ވެސް އެބަހުރި." ކޮމިޝަނުގެ އަޣުލަބިއްޔަތު ސަރުކާރުން ބޭނުންވާގޮތަށް ވޯޓު މެދުވެރިކޮށްގެ ހޯދުމަށް ބިލުގައި ރާވާފައިވާ ހީލަތްތެރި ރޭވުން ނަހުދާ ކޮމިޓީގެ މެންބަރުންނަށް ކިޔައިދެއްވިއެވެ.

އަދި މީގެ އިތުރުން ކޮމިޝަނުގެ އިންތިޚާބުގައި ވޯޓުލެވެނީ 5 އަހަރުވީ މީޑިއާތަކަށް އެކަނި ކަމަށް ބިލުގައި އޮތުުމުން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ގިނަ މީޑިއާތަކަށް ވޯޓުލުމުގެ ހައްޤު ގެއްލޭކަމަށް ނަހުދާ ސިފަކުރެއްވިއެވެ.

މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަކީ ނުރައްކަލަށް ހުށަހެޅޭ ބައެއްކަން ހަނދާންކޮށްދެއްވަމުން ނަހުދާ ވަނީ ފަހުގެ ތާރީޚުގައި ނޫސްވެރިންނަށް ރާއްޖޭގައި ދިމާވެފައި ހުރި ނުރައްކާތައް ކޮމިޓީގެ މެންބަރުންގެ ސަމާލުކަމަށް ގެންނަވާފައެވެ. އަދި މިބިލާއި ގުޅިގެން ނޫސްވެރިން ކުރަމުންދާ އިހުތިޖާޖާއި ގުޅިގެން އެކި ފަރާތްތަކުން ނޫސްވެރިންނަށް އެކި ބާވަތުގެ ބިރުތައް ދައްކަމުންދާ ކަމަށާއި މިފަދަ އެއްވެސް ކަމަކަށް މި ބިލުގައި އަލިއަޅުވާލާފައި ނެތްކަމަށް ނަހުދާ ފާހަގަކުރެއްވިއެވެ.

މީޑިއާ ކައުންސިލުން ވަނީ މިއަދުގެ ބައްދަލުވުމުގައި މި ބިލަށް އެއްވެސް އިސްލާހެއް ހުށަހެޅުމަށް ބޭނުންނުވާކަމަށް ބުނެ މި ބިލު މަޖިލީހުން ބޭރުކޮށްލުމަށް ގޮވާލާފައެވެ. އަދި އެޓާނީ ޖެނެރަލް އޮފީހުން އިސްނަގައިގެން އެންމެންގެ މަޝްވަރާއާއިއެކު މިފަދަ ބިލެއް ހުށަހެޅުމަކީ އެންމެ އެދެވޭ ގޮތް ކަމަށް މީޑިއާ ކައުންސިލުގެ ހުރިހާ މެންބަރުންވެސް ވަނީ ކޮމިޓީގެ މެންބަރުންނަށް ދަންނަވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0