ޚަބަރު

ރައީސް މުޢިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރައްވައިފި

އޮގަސްޓް 31, 2025 - 11:11
 0
ރައީސް މުޢިއްޒު ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު ޗައިނާގެ ޓިއާންޖިންގ ސިޓީގައި ހުންނަ ޓިއާންޖިން ޔިންގްބިން ހޮޓެލްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ރައީސް ވަނީ ރައީސް މުޢިއްޒަށް މަރުހަބާ ދަންނަވައި، ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ޤައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގައި މި ދަތުރުފުޅުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

ރައީސް މުޢިއްޒު ވަނީ ދެވަނަ ފަހަރަށް ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމުން ލިބިވަޑައިގެންނެވި އުފާވެރިކަން ފާޅުކުރައްވައި، ރައީސް ޝީ ޖިންޕިންގގެ ހޫނު މަރުހަބާއާއި، ދައުވަތާއި، މެހެމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ.

ދެ ޤައުމުގެ އިސްވެރިން ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކުގައި، އިގްތިސާދީ ތަރައްޤީ، ވިޔަފާރި، އިންވެސްޓްމަންޓް އަދި ސަލާމަތީ އެއްބާރުލުން ފަދަ ދާއިރާތަކަށް އަލިއަޅުވާލައްވާފައިވެއެވެ. ޗައިނާގެ ރައީސް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެ ޤައުމުން ވެފައިވާ ވަޢުދު އައުކުރައްވާފައެވެ.

ދެ ޤައުމުގެ ވެރިން ވަނީ "ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ކޯޕަރޭޓިވް ޕަރޓްނަރޝިޕް (2024-2028)" ގެ ދަށުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. މި ބައްދަލުކުރެއްވުން ނިމިގެން ގޮސްފައިވަނީ ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް، ދެ ފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން ދެމެހެއްޓުމަށް އެއްބަސްވެވަޑައިގަތުމާ އެކުގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0