ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ސަރުކާރަށް ގޮވާލީ މީޑިއާ ކޮންޓްރޯލްކުރާ ބިލުބޭރު ކޮށްލުމަށް

މީޑިއާތަކާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމާއެކު ނޫސްވެރިންނާއި މީޑިއާތަކަށް ހަރުކަށި ފިޔަވާޅު އެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކޮށްލުމަށް ގިނަ އަދަދެއްގެ ބައިނަލްއަގުވާމީ ޖަމިއްޔާތަކަކުން ގޮވާލައިފި އެވެ.
ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އެހީތެރިކަމާއެކު ތުޅާދޫ ދާއިރާގެ މެންބަރު އަބްދުއްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލާ ދެކޮޅަށް ރާއްޖޭގެ މީޑިއާތަކުންވެސް ދަނީ އަޑު އުފުލައި އިހުތިޖާޖު ކުރަަމުންނެވެ
މި ބިލާ ދެކޮޅަށް ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ބިލު އޮތީ މީޑިއާގެ މިނިވަންކަން ގެއްލޭ ގޮތަށް ކަމަށެވެ. އަދި މީޑިއާތައް ރެގިއުލޭޓްކުރުމަށް މުޅި ދުނިޔެއިން ވެސް ބަލައިގެންފައިވާ ހަމައަކީ މީޑިއާތަކުން އަމިއްލައަށް އިންތިހާބުކުރާ ބަޔަކު ނުވަތަ 'ސެލްފް ރެގިއުލޭޓަރީ' އުސޫލުތަކެއް ކަމަށާއި ބިލު އޮތީ މި އުސޫލުތަކާއި ހަމަތަކާ ހިލާފަށް ކަމަށް ފާހަގަކޮށްފައިވެ އެވެ.
ޖަމިއްޔާތަކުން ފާހަގަކުރާ މައިގަނޑު ކަންބޮޑުވުންތަކުގެ ތެރޭގައި، ކޮމިޝަނުގެ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބޭތީ ސިޔާސީ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމާއި، ކޮމިޝަނުގެ ރައީސް ކަނޑައަޅަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށްވުމާއި، މައްސަލަތައް ބެލުމުގައި ނޫސްތަކުގެ ރަޖިސްޓްރީ ވަގުތީ ގޮތުން ބާތިލްކޮށް، ވެބްސައިޓް ޑައުންކޮށް، 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް އޮތުން ހިމެނެ އެވެ.
މި ބިލުގެ ދަށުން ބްރޯޑްކާސްޓިން، ޑިޖިޓަލް އަދި ޕްރިންޓް މީޑިއާގެ އިތުރުން ސޯޝަލް މީޑިއާ ޕޯސްޓްތަކާއި ކޮންޓެންޓް ވެސް ރެގިއުލޭޓްކުރެވޭނެ އެވެ. އަދި ވަކިވަކި ނޫސްވެރިންނާއި ފަރުދުންނަށް ވެސް ފިޔަވަޅު އެޅޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެ އެވެ. މި ބިލާ ދެކޮޅަށް ނެރުނު ބަޔާނުގައި ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) ފަދަ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިތުރުން ރާއްޖެއާއި ދެކުނު އޭޝިއާގެ ގައުމުތަކުގެ މަދަނީ ޖަމިއްޔާތަކުން ބައިވެރިވެފައިވެ އެވެ.
ރިއެކްޓް



