ޝަމްޢާން މައްސަލާގައި ސަރުކާރުން ކުރަމުންދާ ތަފާތުކުރުންތަކާ ދެކޮޅަށް ޕެޓިޝަނެއް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްޢާން ވަހީދުގެ މައްސަލަ ކުރިއަށް ނުގެންގޮސް އެފަދަ ތުހުމަތުތައް ކުރެވޭ އެހެން ފަރާތްތަކާ ތަފާތުކޮށް އޭނާއާމެދު ޢަމަލުކުރަމުންދާތީ، މިކަމާ ދެކޮޅަށް އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.
ޝަމްޢާން ބަންދުގައި ބަހައްޓާފައި ހުންނަތާ ފަސް މަސްދުވަސް ވެގެން ދިޔައިރު އެ މައްސަލަ އޭނާ ބަންދުގައި ބަހައްޓަން ޕްރޮސެކިޓަރ ޖެނެރަލްގެ އޮފީހަށް ކުރެވުނު ހުރިހާ ކަމެއް ކޮށްފައިވާއިރު މިބާވަތުގެ އެހެން މައްސަލަތަކުގައި ހައްޔަރުކުރި މީހުން ވަނީ މިނިވަން މާހައުލަށް ދޫކޮށްލާފައެވެ.
އޮންލައިންކޮށް ސޮއިކުރަމުންދާ މި ޕެޓިޝަންގައި ޝަމްޢާން ގެ ޝަރީޢަތުގެ އަޑުއެހުންތައްވެސް ފެށިފައިނުވާކަން ފާހަގަކޮށް މިއީ ހަމައެކަނި ގާނޫނީ މައްސަލައެއް ނޫންކަމަށް ބުނެފައިވެއެވެ.
މިހާތަނަށް 370 އަށްވުރެ ގިނަ ފަރާތުން ސޮއިކޮށްފައިވާ މި ޕެޓިޝަންގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، "ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަމާއެކު މުޢާމަލާތްކުރެވުމަކީ އިމްތިޔާޒެއް ނޫނެވެ. އެއީ ޙައްޤެކެވެ. އެހެންނަމަވެސް ޝަމްޢާންގެ މައްސަލައިގައި، އެ ޙައްޤު ވަނީ ނިގުޅައިގަނެވިފައެވެ."
މީގެއިތުރުން، އެއް ފަރާތެއް ކުށް ސާބިތުނުވެ މުއްދަތެއްނެތި ބަންދުގައި ބޭތިއްބޭއިރު އަނެއް ފަރާތްތަކަށް މިނިވަންކަމާއެކު އުޅެވޭނަމަ، އެކަމުން ޝަރުޢީ ނިޒާމުގެ އިންސާފުވެރިކަމާމެދު ސުވާލު އުފެދޭކަމަށް ޕެޓިޝަންގައި ބުނެފައިވެއެވެ.
ޕެޓިޝަންގައި ސޮއިކުރާ ފަރާތްތަކުން އެދެނީ ޝަމްޢާނަށް ޚާއްޞަ އިނާޔަތްތަކެއް ނޫންކަމަށާއި، ހަމައެކަނި އިންސާފު ހޯދައިދިނުމަށްކަން ފާހަގަކޮށްފައިވެއެވެ. އެގޮތުން، ޝަމްޢާނާމެދުވެސް އެހެން ކޮންމެ މީހަކާމެދު ޢަމަލުކުރާނެ ފަދައިން ޢަމަލުކުރުމަށާއި، ކުށް ސާބިތުވަންދެން ކުށެއްނެތް މީހެއްގެ ގޮތުގައި ބެލުމަށް ގޮވާލާފައިވެއެވެ.
"އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން" ކަމަށް ފާހަގަކޮށް، ސަރުކާރަށާއި، ޝަރުޢީ ދާއިރާއަށާއި، އަދި ޒިންމާދާރު އެންމެހައި މުއައްސަސާތަކަށް ގޮވާލަނީ ޝަމްޢާނާމެދު ގެންގުޅޭ ތަފާތުކުރުންތައް ނިމުމަކަށް ގެނެސް މިނިވަންކޮށް ދޫކޮށްލުމަށެވެ.
ރިއެކްޓް



