ޚަބަރު

މީޑިއާ ބިލް އަނބުރާ ގެންދަންޖެހޭކަމަށް ގަބޫލެއް ނުކުރަން: އުޝާމް

އޮގަސްޓް 28, 2025 - 18:06
އޮގަސްޓް 28, 2025 - 18:26
 0
މީޑިއާ ބިލް އަނބުރާ ގެންދަންޖެހޭކަމަށް ގަބޫލެއް ނުކުރަން: އުޝާމް

މީޑިއާތަކާއި ނޫސްވެރިންގެ މިނިވަންކަން ހަނިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލް އަނބުރާ ގެންދަން ޖެހޭކަމަށް ގަބޫލު ނުކުރައްވާ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އުޝާމް ވިދާޅުވީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލުގެ މައިގަނޑު މަގްސަދަކީ މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލުން ކަމަށެވެ. މިއީ ކުރީގެ މަޖިލިސްތަކުން ވެސް ކުރަން މަސައްކަތްކޮށްފައިވާ ކަމެއްކަން ބަންޑާރަނައިބުގެ އޮފީހުގެ ލިޔެކިޔުންތަކުން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބަންޑާރަނައިބު ވިދާޅުވި ގޮތުގައި މިހާރު ހުށަހަޅާފައިވާ ބިލު ދިރާސާކޮށްގެން ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެވިދާނެއެވެ.

"ތިބޭފުޅުން ބޭނުންވާ އިސްލާހުތައް ބިލް ފުރިހަމަކުރުމަށް ޓަކައި އިސްލާހު ހުށަހަޅަންވީ ނޫންތޯ. އިސްލާހު ހުށަހެޅުމުން އަޅުގަނޑު ގަބޫލުކުރަން ކޮމިޓީން އޭތި ކޮންސިޑާ ކުރައްވާނެ" އުޝާމް ވިދާޅުވިއެވެ.

ބިލުގައި 7 މެމްބަރުންގެ ތެރެއިން 5 މެމްބަރުންނަކީ މީޑިއާތަކުން އައްޔަންކުރާ އަދި 2 މެމްބަރުންނަކީ ރައީސް އައްޔަންކުރައްވާ މެމްބަރުން ކަމަށް ބަޔާންކޮށްފައިވާއިރު، މީޑިއާ ކައުންސިލުން ކުރިން ހުށަހެޅި ބިލުގައިވެސް މިގޮތަށް އޮތުމުން، މިހާރު މިކަމާ ކަންބޮޑުވާންވީ ސަބަބު ނުވިސްނޭ ކަމަށް ބަންޑާރަނައިބު ވިދާޅުވިއެވެ.

އުޝާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިއަދާ ހަމައަށް ވެސް ބިލާ ގުޅިގެން ރަސްމީ ލިޔެކިޔުމެއް މީޑިއާ ކައުންސިލުގެ ފަރާތުން ބަންޑާރަނައިބުގެ އޮފީހަށް ހުށަހަޅާފައި ނުވެއެވެ. ނަމަވެސް ބައްދަލުކުރެއްވުމަށް އެދި ދެ ދުވަސް ކުރިން ސިޓީއެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އުޝާމް އިތުރަށް ވިދާޅުވީ ނޫސްވެރިންނާއި މީޑިއާ ކައުންސިލް އަދި އެންޖީއޯތަކާއި ބްރޮޑްކޮމްގެ ހުށަހެޅުންތަކުގެ މައްޗަށް ދިރާސާއެއް ކުރަމުން އަންނަ ކަމަށާއި އެ ދިރާސާގެ އަލީގައި މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާނެ ކަމަށެވެ.

2008 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ މީޑިއާ ކައުންސިލްގެ ގާނޫނުގެ ސަބަބުން މީޑިއާތައް ރެގިއުލޭޓްކުރުމަށް ދަތިވާ ކަމަށް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ. އަދި މި ބިލަކީ އެކި ގޮތްގޮތަށް ޑްރާފްޓްވަމުން އައިސްފައިވާ ބިލެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0