އުލުބޭންދުމާ ދެކޮޅަށް ޚިޔާލު ފާޅުކުރުމުން ކޭޑު އަނެއްކާވެސް ވަޒީފާއިން ވަކިކޮށްފި

ނޫސްވެރިން "އުލުބައިންދަންވީ" ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ދެއްކެވި ވާހަކަތަކާ ގުޅިގެން ފާޑުކިއުމަށްފަހު، ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އިބްރާހިމް ސައީދު (ކޭޑު) މިއަދު ވަޒީފާއިން ވަކިކޮށްފިއެވެ.
ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ސޮއިކުރައްވައި ފޮނުއްވި ސިޓީގައިވާ ގޮތުން، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން ކޭޑު ވަނީ މަގާމުން ވަކިކޮށްފައެވެ. ކޭޑު ވަކިކޮށްފައިވަނީ، ރޭ އޭނާ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ނޫސްވެރިން "އުލުބައިންދަންވީ" ކަމަށް ފަލާހު ދެއްކެވި ވާހަކަތައް ކުށްވެރިކުރުމާ ގުޅިގެންނެވެ.
ކުރީގެ ނޫސްވެރިއެއް ކަމަށްވާ ކޭޑު އޭނާގެ ޕޯސްޓުގައި ވަނީ، ނޫސްވެރިން އުލުބައިންދައި މަރަން ޖެހޭ ކަމަށް ފަލާހު ވިދާޅުވި މައްސަލަ ބަލަންޖެހޭ ކަމަށް ފާހަގަކޮށްފައެވެ. މި މައްސަލައިގައި "މިއީ ވަރަށް ސީރިއަސް މައްސަލައެއް. މިކަން ބަލަންޖެހޭ" ކަމަށް އޭނާ ލިޔުއްވާފައިވެއެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލުގެ ބަހުސްގައި އިއްޔެ ވާހަކަދައްކަވަމުން ފަލާހު ވިދާޅުވެފައިވަނީ، މީޑިއާގެ ސަބަބުން އޭނާއަށް ނިކަމެތިކަމެއް ލިބުނު ކަމަށާއި، އޭނާއަކީ "އެއްޖިންސުން ގުޅުން ހިންގާ" ބޭފުޅެއް ކަމަށް މީޑިއާގައި ފަތުރާފައިވާ ކަމަށެވެ. އެހެންނަމަވެސް، މި ވާހަކަތައް ފެތުރިފައިވަނީ ސޯޝަލް މީޑިއާގައި ކަން ފާހަގަކުރެވެއެވެ.
މި މައްސަލައާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލާއި ޖާނަލިސްޓް އެސޯސިއޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށް، މައްސަލަ ބެލުމަށް ގޮވާލާފައެވެ. އަދި މި ދެ މުއައްސަސާއިން ވަނީ ފަލާހު ދެއްކެވި ވާހަކަފުޅުތަކަށް ނޫސްވެރިންގެ ކިބައިން މަޢާފަށް އެދުމަށްވެސް ގޮވާލާފައެވެ.
ރިއެކްޓް



