ޚަބަރު

ނޫސްވެރިން ހައްޔަރެއް ނުކުރަން: ފުލުހުން

އޮގަސްޓް 27, 2025 - 23:20
 0
ނޫސްވެރިން ހައްޔަރެއް ނުކުރަން: ފުލުހުން
މިއަދު ނޫސްވެރިން ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން - ފޮޓޯ: ވިރާސީ

މިއަދު މާލޭގައި ނޫސްވެރިން ކުރި އިހުތިޖާޖާ ގުޅިގެން އެއްވެސް ނޫސްވެރިއަކު ހައްޔަރުކޮށްފައި ނުވާނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، އިހުތިޖާޖު ކުރި ސަރަހައްދުގައި ތިބި މީޑިއާގެ ފަރާތްތަކަށް ގްރީން ޒޯނުން ނުކުތުމަށް އަންގާފައިވަނީ، އެ ސަރަހައްދަކީ ޤާނޫނާއި ގަވާއިދުގެ ދަށުން އިހުތިޖާޖުކުރުމަށް ނުވަތަ އާންމު އެއްވުންތައް ބޭއްވުމަށް ހުއްދަ ދެވިފައިވާ ސަރަހައްދެއް ނޫން ކަމަށްވާތީ ކަމަށެވެ.

އަދި މި އެންގުން އަންގާފައިވަނީ އާންމު ރައްކާތެރިކަމާއި އަމަން އަމާންކަން ދެމެހެއްޓުމުގެ މަޤްޞަދުގައި، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް، އެ ސަރަހައްދުގައި ތިބި ފުލުހުންގެ އޮފިސަރުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މީގެއިތުރުން، ފުލުހުންގެ ޚިދުމަތުން ވަނީ ޤާނޫނު އަސާސީން ލިބިދޭ ޙައްޤުތަކަށް، ޚާއްޞަކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރެޓިކް މުޖުތަމަޢެއްގައި މީޑިއާގެ މުހިންމު ދައުރަށް އިޙްތިރާމްކުރާކަން ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވި ގޮތުގައި، އާންމު އަމަން އަމާންކަމާއި، ރައްކާތެރިކަމާއި، ސަލާމަތްތެރިކަން ދެމެހެއްޓުމަށް އެކުލަވާލެވިފައިވާ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޤާނޫނީ އިހުތިޖާޖުތަކާއި އެއްވުންތައް ކުރިއަށްގެންދިއުމަށް މަގުފަހިކޮށްދިނުމަށް އެ ޚިދުމަތުން ދެމިއޮންނާނެއެވެ.

ފުލުހުން މިފަދައިން ބުނިކަމުގައި ވީނަމަވެސް މިއަދުގެ އިހުތިޖާޖުގައި 4 ނޫސްވެރިއަކު ފުލުހުން ހައްޔަރުކުރިއެވެ. ނަމަވެސް ފުލުހުން ހައްޔަރުކުރި ނޫސްވެރިން އެ ސަރަހައްދާއި ދުރަށް ގެންގޮސް ދޫކޮށްލާފައި ވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0