ކަށި މިޔަރުގެ މަސްވެރިކަމަށް ނޮވެމްބަރު މަހު ހުއްދަ ދެނީ

ކަށި މިޔަރުގެ މަސްވެރިކަމަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ހުއްދަ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވެފައިވަނީ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މަސްވެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި ކުޅުދުއްފުށީ ސިޓީގެ ރައްޔިތުންނަކީ ކުރީ ޒަމާނުގައި ވެސް ކަށި މިޔަރުގެ މަސްވެރިކަން ކުރި ބައެއް ކަމަށާއި، އެ މަސްވެރިކަމުން ވަރަށް ބޮޑު އާމްދަނީއެއް ލިބިގެން ދިޔަ ކަމަށެވެ. ނަމަވެސް ގަވައިދުތަކަށް ގެނެވުނު ބަދަލުތަކާއި އެހެނިހެން ކަންކަމާހެދި މިހާރު އެ މަސްވެރިކަން ވަނީ ހުއްޓިފައެވެ.
"އަޅުގަނޑުމެން މިހާރު ފިޝަރީޒް މިނިސްޓްރީއާ އެންވަޔަރަމެންޓް މިނިސްޓްރީއާ އަދި ގަވައިދުތަކާ އެއްޗެހި ބަލައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފިން އަދި ކުރަމުން މިދަނީ. މެނޭޖްމަންޓު ޕްލޭނެއް ޑްރާފްޓްކޮށް ނިމިއްޖެ. މި މެނޭޖްމަންޓު ޕްލޭންގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ކުރަން ހުޅުވާލާނަން،" ރައީސް ވިދާޅުވިއެވެ.
ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ކުރުން މަނާ ކުރީ 2010 ވަނަ އަހަރުއެވެ. އަދި އެއާއެކު މިޔަރުގެ އުރަހަ ފަދަ ތަކެތި އެކްސްޕޯޓު ކުރުން ވެސް ވަނީ މަނާކޮށްފައެވެ. މީގެ އަހަރުތަކެއް ކުރިން ރާއްޖެއަކީ މިޔަރު އުރަހަ އެކްސްޕޯޓް ކުރުމުގައި ފާހަގަކޮށްލެވޭ ގައުމެކެވެ. 1990 ގެ އަހަރުތަކުގައި ސިންގަޕޫރަށް މިޔަރު އުރަހަ ކިލޯއެއް 700 އެމެރިކާ ޑޮލަރަށް ވިއްކާފައިވާކަން ފާހަގަކުރެވެއެވެ.
ރައީސް ވިދާޅުވި ގޮތުގައި މި ފުރުސަތު ހުޅުވާލުމާއެކު އެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަތައް ލިބި، އެކަމުން އާމްދަނީ ހޯދޭނެ މަގު ފަހިވެގެންދާނެއެވެ. އަދި މި ހުޅުވާލެވޭ މުހިންމު ދޮރުގެ ބޭނުން ހިފައި، އެކަމަށް ތައްޔާރުވާން ބޭނުންވާ ފަރާތްތަކުން މިހާރުން މިހާރަށް ތައްޔާރީތައް ފެށުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
ރިއެކްޓް



