ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު ހިފަހައްޓައިފި

ހުޅުމާލޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
މި ބިދޭސީ މީހާ ހައްޔަރުކުރީ އިއްޔެ ހަވީރު ހުޅުމާލޭގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައެވެ.
އިމިގްރޭޝަނުން މައުލޫމާތު ދެއްވި ގޮތުގައި، ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ޓާސްކް ފޯސްއިން އިއްޔެ ހަވީރު ވަނީ ހުޅުމާލޭގައި ހުންނަ ތިން ކެފޭއަކާއި ދެ ފިހާރައެއް ބަލައި ފާސްކޮށްފައެވެ. މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އެއް ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
އިމިގްރޭޝަނުން ފާހަގަކުރި ގޮތުގައި، މި އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް 100 އަށްވުރެ ގިނަ ބިދޭސީން ވަނީ ހައްޔަރުކުރެވިފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރެވޭ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މީގެ އިތުރުން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.
ރިއެކްޓް



