ހަނިމާދޫގައި އަޅާ 104 މިލިއަނުގެ ހޮސްޕިޓަލުގެ ބިންގާ އަޅައިފި

ހދ. ހަނިމާދޫގައި އަޅަން ނިންމާފައިވާ 104 މިލިއަން ރުފިޔާގެ ހޮސްޕިޓަލުގެ ބިންގާ މިއަދު އަޅައިފި އެވެ.
މި ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އަަދި މަސައްކަތް ހަވާލުކޮށްފައިވާ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.
އާރްޑީސީއާ ހަވާލުކޮށްފައިވާ މި މަޝްރޫއުގެ އަގު 104,834,778.55 ރުފިޔާއަށް އަަރާއިރު މި ހޮސްޕިޓަލަކީ 30 އެނދުގެ ހޮސްޕިޓަލެއް ކަމަށް ހެލްތް މިނިސްޓްރީން ވަނީ ކުރިން ހާމަކޮށްފައެވެ.
ރޭ ހަނިމާދޫ ރައްޔިތުންނާ ބައްދަލުކުރެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ މި އަހަރު ނިމުމުގެ ކުރިން މިހާރު ހުރި ސިއްހީ މަރުކަޒުގައި ޑަޔަލިސިސްގެ ހިދުމަތް ފައްޓަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަންހެނުންގެ ހާއްސަ ޑޮކްޓަރަކާއި ކުޑަކުދިންގެ ޑޮކްޓަރެއްގެ ހިދުމަތް ވެސް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހަނިމާދޫ ހޮސްޕިޓަލަކީ ކުވެއިތު ފަންޑުގެ އެހީގައި ހަތް ރަށެއްގައި އަޅަން ނިންމާފައިވާ ހޮސްޕިޓަލްތަކުގެ ތެރެއިން އެއް ހޮސްޕިޓަލެވެ. މި މަޝްރޫއުގެ ދަށުން ހަތް ރަށުގެ ހޮސްޕިޓަލްތަކަށް ޖުމުލަ 686،089،524.22 ރުފިޔާ ހޭދަކުރުމަށް ވަނީ ނިންމާފައެވެ.
ހަނިމާދޫގެ އިތުރުން މި މަޝްރޫއުގެ ދަށުން ށ. މިލަންދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގައި ވެސް ހޮސްޕިޓަލް އެޅުމުގެ މަސައްކަތް އެކި ކުންފުނިތަކާ ހަވާލުކޮށްފައިވެއެވެ. ފާހަގަކޮށްލެވޭ ކަމަކީ ހަނިމާދޫ ހޮސްޕިޓަލުގެ މަސައްކަތް މީގެ ކުރިން 2023 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާ ވެސް ހަވާލުކޮށްފައިވާ ކަމެވެ.
ރިއެކްޓް



