މީޑިއާތަކުގައި ތަޅު އަޅުވަން ޤާނޫނު ހެދިޔަސް އެމްޑީޕީގެ ވެރިކަމެއްގައި އުވާލާނަން: ފައްޔާޒް

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް، ނޫސްވެރިންނާއި މީޑިއާތަކުގައި ތަޅު އެޅުވުމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ފާސްކުރާ ކޮންމެ ގާނޫނެއް އެމްޑީޕީގެ ސަރުކާރެއްގައި އުވާލާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ މީގެ ކުރިން ވެސް ރާއްޖޭގެ ވެރިޔަކު މިފަދަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް އެކަން ކާމިޔާބު ނުވި ކަމަށާއި، މިފަހަރުވެސް އެފަދަ މަސައްކަތެއް ކާމިޔާބެއް ނުވާނެ ކަމަށެވެ.
"ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ހިތުލައިގެން އުޅޭ ކޮންމެ ވެރިއެއްގެ ހުވަފެނަކީ އަދި އަމާޒަކީ ރައްޔިތުންނަށް އެ މީހުންގެ ނޭއްގާނީ ވާހަކަތައް ނޭނގުން. ގައުމިއްޔަތާއި އަބުރު ރައްކާ ކުރުމުގެ ނަމުގައި ސިޔާސީ ފާޑުކިޔުން ނައްތާލަން އުޅުމަކީ އެފަދަ ވެރިން ކުރާ ކަމެއް،" ފައްޔާޒް ވިދާޅުވިއެވެ.
އަދި ސިޔާސީ މީހުންގެ އަބުރު ރައްކާތެރިކުރެވޭނީ އިހުލާސްތެރި ހިދުމަތުން ކަމަށާއި، ދުލާއި ގަލަމުގެ މިނިވަންކަން ނައްތާލައިގެން ނޫން ކަމަށް ފާހަގަކުރައްވަމުން، ފައްޔާޒް ވަނީ ރައީސް މުޢިއްޒު މިއަދު ޤައުމީ ދުވަހުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅަށް ނުސީދާކޮށް ރައްދު ދެއްވާފައެވެ.
އަދި ރައީސް މުޢިއްޒުގެ ސަރުކާރުގެ އަމަލުތައް ސިފަކުރައްވަމުން ފައްޔާޒް ވިދާޅުވެފައިވަނީ، އަނިޔާވެރި ދޮގުވެރިން އެ މީހުންގެ ނުބައިކަމާއި ވައްކަމުގެ ވާހަކަ ދައްކާ ނޫސްވެރިންނާއި ނޫސްތައް ބަންދުކޮށް، ރައްޔިތުންގެ މިނިވަންކަން ނިގުޅައިގަންނާނެ ކަމަށެވެ.
ރިއެކްޓް



