އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ދިވެހިރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް، އެ ދާއިރާ ކުރިއެރުވުމަށްޓަކައި "ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއަރުވާ އޮފީސް އުފެއްދުމުގެ ބިލު" (އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ބިލު) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަސްދީގުކުރައްވައިފިއެވެ.
މި ބިލަކީ މިމަހުގެ 11 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
"އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނު" ގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް، އެ ދާއިރާ ކުރިއެރުވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ. މި ޤާނޫނުގެ ސަބަބުން ވިޔަފާރީގެ ދާއިރާގައި ފަންނުވެރިކަމާއި އައު އީޖާދުތަކަށް ހިތްވަރުލިބި، އެ ދާއިރާ ކުރިއަރައި، ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.
މި ޤާނޫނުގެ ދަށުން "މޯލްޑިވްސް އިންޓެލެކެޗުއަލް ޕްރޮޕަރޓީ އޮފީސް" ގެ ނަމުގައި ސަރުކާރުގެ އައު އިދާރާއެއް އުފެދިގެންދާނެއެވެ. މި އޮފީހުގެ ކަންކަން ބަލަހައްޓާނީ އިޤްތިޞާދީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އެ އިރެއްގައި ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއަކުންނެވެ. އަދި މި އޮފީސް ހިންގުމުގެ އެންމެ އިސް ފަރާތަކީ ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އެވެ.
ޤާނޫނުގައި ރަޖިސްޓްރާރ އޮފް އިންޓެލެކްޗުއަލް ޕްރޮޕަރޓީ ޢައްޔަނުކުރުމާއި، ވަކިކުރުމުގެ އުސޫލުތަކާއި، ރަޖިސްޓްރާރގެ ޝަރުޠުތަކާއި މަސްއޫލިއްޔަތުތައް ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، އޮފީހުގެ އިދާރީ މުވައްޒަފުންނާ ގުޅޭ އުސޫލުތަކާއި، ފިކުރީ މުދަލުގެ ދަފުތަރު ބެލެހެއްޓުމުގެ އުސޫލުތައްވެސް މި ޤާނޫނުގައި ހިމަނާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާ ގުޅިގެން، "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޮފީހުގެ ޤާނޫނު" މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
ރިއެކްޓް



