ޚަބަރު

ފަސްދޮޅަސް ތިން ރަށެއްގައި ފިޓްނަސް ސެންޓަރު އެޅުމަށް އެމްއޭސީއެލްއާއި ހަވާލުކޮށްފި

އޮގަސްޓް 19, 2025 - 13:53
 0
ފަސްދޮޅަސް ތިން ރަށެއްގައި ފިޓްނަސް ސެންޓަރު އެޅުމަށް އެމްއޭސީއެލްއާއި ހަވާލުކޮށްފި
ފޮޓޯ: އެމްއޭސީއެލް

2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ތެރެއިން ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަށް ކުޅިވަރު ވުޒާރާ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މީރުމާގައި ރޭ ބޭއްވުނު ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދެވެ. އަދި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ފިޓްނަސް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އެމްއޭސީއެލްގެ ސީއީއޯ ޝަރީފު ވިދާޅުވީ "ރާއްޖޭގެ ރައްޔިތުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮ ކަމަށްޓަކައި މުޅި ރާއްޖޭގައި ފިޓްނަސް ސެންޓަރުތައް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ މި މުހިންމު ވައުދުފުޅު ފުއްދެވުމުގައި އެމްއޭސީއެލް ބައިވެރިވުމަކީ މި ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް" ކަމަށެވެ.

ސަރުކާރުގެ މި މަޝްރޫޢުގެ ދަށުން މިހާތަނަށް ކުޅިވަރު ވުޒާރާއިން ވަނީ 87 ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ގާއިމުކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0