ޚަބަރު

ފެނާއި ނަރުދަމާ ގާއިމްކުރަން ޖެހޭ މުއްދަތު އިތުރުކުރުމުގެ ބިލު ތަސްދީޤް ކުރައްވައިފި

އޮގަސްޓް 18, 2025 - 21:20
 0
ފެނާއި ނަރުދަމާ ގާއިމްކުރަން ޖެހޭ މުއްދަތު އިތުރުކުރުމުގެ ބިލު ތަސްދީޤް ކުރައްވައިފި
ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރަން ޖެހޭ މުއްދަތު 2027 އަށް އިތުރުކުރުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގްކުރައްވައިފިއެވެ.

މި ބިލަކީ މި މަހު ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި، އެރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް 2027 ވަނަ އަހަރުގެ ނިޔަލަށް ގާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން ހަމަޖެއްސުމެވެ. މީގެ އިތުރުން، ބިލުގައި ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، ފަންނީ މަސައްކަތްތެރިންނަށް ލައިސަންސް ދޫކުރުމުގެ ޝަރުތުތަކާއި، ފެން ތަހުލީލުކުރާ ލެބޯޓްރީތަކާ ގުޅޭ ކަންކަން ހިމަނާފައިވެއެވެ.

ފެނާއި ނަރުދަމާގެ ގާނޫނަށް އަމަލުކުރަން ފަށާފައިވަނީ ފަސް އަހަރު ކުރިންނެވެ. އެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެކަށީގެންވާ ފެންވަރުގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރަން ޖެހެއެވެ. ނަމަވެސް، މި މުއްދަތު ހަމަވިއިރުވެސް ގިނަ ރަށްރަށުގައި މި މަޝްރޫޢުތައް ނުނިމި ހުރުމާއެކު، މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

ބިލުގައި ފެނާއި ނަރުދަމާގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތަކަށް އަދަބު ކަނޑައެޅުމުގެ އިތުރުން، ގާނޫނުގެ ދަށުން އެކުލަވާލަންޖެހޭ ގަވާއިދުތަކާއި އުސޫލުތައް، އިސްލާހަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސްދުވަހުގެ ތެރޭގައި އެކުލަވާލައި ޝާއިއުކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި ގިނަ މަޝްރޫޢުތަކެއް ފެށިފައިވީ ނަމަވެސް، ވެރިކަން ނިމުނުއިރު ގިނަ މަޝްރޫޢުތައް ހުރީ ހުއްޓިފައެވެ. މިހާރުގެ ރައީސް މުއިއްޒުގެ ވެރިކަމުގައި މި މަޝްރޫޢުތައް އަލުން ފަށައި، ކުރިއަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0