ކޮލަމް

ކޮލަމް: ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު… މާލީ ދަތިކަން ހަމަޔަކަށް އެޅުވޭނެ ބާ؟

އޮގަސްޓް 16, 2025 - 09:31
އޮގަސްޓް 16, 2025 - 11:17
 0
ކޮލަމް: ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު… މާލީ ދަތިކަން ހަމަޔަކަށް އެޅުވޭނެ ބާ؟

ޤައުމީ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ޙިއްސާއެއް އޮންނަ، ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތް މިވަގުތު އޮތީ ވަރަށް ނާޒުކު ޙާލަތެއްގައެވެ. 2025 ވަނަ އަހަރު ރެކޯޑް އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމުގެ އިޝާރާތެއް ފެންނަމުން ދިޔަ ނަމަވެސް، ޑޮލަރުގެ މައްސަލަ އިތުރަށް ގޯސްވުމުގެ ސަބަބުން މި ސިނާއަތުގެ "ފައިދާގެ މާޖިން" އާއި މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ކުރިއެރުމަށް މިވަނީ ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވަމުންނެވެ.

ސަރުކާރުން ވަނީ 2024 ވަނަ އަހަރު 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި ކާމިޔާބީގެ މައްޗަށް ބިނާކޮށް، މިއަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ފަތުރުވެރިން ގެނައުމަށް ލަނޑުދަނޑިތަކެއް ކަނޑައަޅައިފައިވެއެވެ. އެހެންނަމަވެސް، މި އުއްމީދީ ޓާގެޓަކީ ހަރުދަނާ ސިޔާސަތުތަކަކަށް ބިނާވެފައިވާ  ބަދަލުތަކެއްހެން ބަލާ ބެލުމަށް ހީނުވެއެވެ. ރާއްޖެ މަންޒިލެއްގެ ގޮތުގައި އިޝްތިހާރު ކުރުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް، ފަތުރުވެރިކަމުގެ ސިނާއަތަށް ސަރުކާރުން އަހައްމިއްޔަތުކަމެއްދޭ މަންޒަރެއް ނުފެނެއެވެ.

ދިވެހިރާއްޖެއަކީ، ޒަމާނުއްސުރެ ދުނިޔޭގެ ފެންވަރުގައި ނަގާކިޔޭ ފަތުރުވެރިކަމުގެ މަންޒިލެކެވެ. އެތައްބައެއްގެ ބުރަ މަސައްކަތުން މިއަދާ ހަމަޔަށް އާދެވިފައިވާއިރު ، މިހާރު އުފެދިފައިވާ ޑޮލަރުގެ ދަތިކަމާހެދި ދާއިރާގެ މަސައްކަތްތެރިން މިވަނީ ނުތަނަވަސްކަމެއްގެ ތެރޭގައިއެވެ. އިގްތިސާދުގައި ޑޮލަރުގެ ބޮޑު އުނިކަމެއް އުފެދިފައިވާ ހިނދު، ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި އިމްޕޯޓަރުންނަށް  މި ވަނީ ދަތިތަކެއް ކުރިމަތިވެފައިއެވެ. މިކަމުގެ ސަބަބުން ޑޮލަރުގެ އަގު ރަސްމީ އެކްސްޗޭންޖް ރޭޓަށްވުރެ ދުވަހުން ދުވަހަށް ދަނީ ބޮޑެވެ. 

ހަލުވިކަމާއެކު ފުޅާވަމުންދާ ޑޮލަރުގެ ކަޅު ބާޒާރަށް ގިނަ ބަޔަކު ދަނީ އެނބުރެމުންނެވެ. ކަޅު ބާޒާރުގެ އަގުތައް ބޮޑުވެ ރަސްމީ ރޭޓު ކަމުގައިވާ 15.42 ރުފިޔާއާ އަޅާބަލާއިރު 20.20 ރުފިޔާއަށް މަތިވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ހިމެނޭގޮތަށް ހުރިހާ ވިޔަފާރިއެއްގެ ހިންގުމުގެ ޚަރަދު ފެންނަނީ ބޮޑުވެގެންދާ މަންޒަރެވެ.

މި ދަތިކަން އިތުރަށް ގޯސްވާ މައިގަނޑު އެއް ސަބަބަކީ، ފަތުރުވެރިކަމުގެ ވިޔަފާރިތަކުން ޑޮލަރުން ލިބޭ އާމްދަނީގެ ބޮޑު ބައެއް ލޯކަލް ބޭންކުތައް މެދުވެރިކޮށް ދިވެހި ރުފިޔާ އަށް ބަދަލުކުރަން ސަރުކާރުން އަލަށް އެކުލަވާލި ފޮރިން އެކްސްޗޭންޖް ޤަވާއިދެވެ. މިއީ ރާއްޖޭގެ ފޮރިން ރިޒާވް ދަށަށް ގޮސްފައިވާ މިންވަރު ހަރުދަނާ ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ސިޔާސަތެއް ކަމުގައިވީ ނަމަވެސް، މި ސިޔާސަތުގެ ސަބަބުން ވިޔަފާރިތަކަށް ޑޮލަރުގެ "ލިކުއިޑިޓީ" ނުވަތަ ކޮންމެ ދުވަހަކު ޑޮލަރުން ކުރާ ޚަރަދުތަކަށް ލިބޭ މިންވަރު ވަނީ މަދުވެފައެވެ.

ރިސޯޓްތަކާއި ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭ އާމްދަނީގެ މުހިއްމު ބައެއް ކަމުގައިވާ "ސާވިސް ޗާޖު" އަށްވެސް މީގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ. ތާރީޚީ ގޮތުން ބަލާއިރު ސާވިސް ޗާޖު ޑޮލަރުން މުވައްޒަފުންނަށް ދިން ނަމަވެސް ބައެއް ތަންތަނުން މިހާރު މަޖުބޫރުވަނީ ރުފިޔާއިން ފައިސާ ދިނުމަށެވެ

ނަތީޖާ އަކަށް ވެގެންދަނީ.. ދާއިރާގެ މުވައްޒަފުން ބުރަ މަސައްކަތުން ހޯދާ ފައިސާބަދަލުކުރަން މަސައްކަތް ކުރާއިރު އެފައިސާގެ އަގު ބޮޑުތަނުން ދަށްވެ، ހިތްހަމަނުޖެހުން އުފެދި، ހިދުމަތުގެ ފެންވަރު ދަށްވުމެވެ.

ސަރުކާރުން ބުނާގޮތުގައި އާ ފޮރިން އެކްސްޗޭންޖް ގަވާއިދަކީ ރިޒާވް ހަމައަކަށް އެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ގަވައިދުތަކަކަށް ވާއިރު، އެ ގަވާއިދުތައް ތަންފީޒު ކުރުމުގެ ސަބަބުން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް އޮޕަރޭޝަނަލް ގޮންޖެހުންތައް ވަނީ ކުރިމަތިވެފަ އެވެ. މި ސިނާޢަތުގެ ކުރިއެރުމަށްޓަކައި ސަރުކާރުން އަވަސް ގޮތެއްގައި ރަނގަޅުފިޔަވަޅު އެޅުން ބުއްދިވެރިއެވެ. ޤާބިލު ފަރާތްތައް ސަރުކާރުގައި ހިމަނާ، ތަޖްރިބާކާރުންގެ ލަފާ ހޯދުން ވަރަށް މުހިންމެވެ.

 ޑޮލަރުގެ ދަތިކަން ޙައްލުކުރުމާއި، ވިޔަފާރިތަކަށް ހަމަހަމަކަމާއެކު ބޭރު ފައިސާ ލިބޭނެކަމުގެ ޔަޤީންކަން ދިނުމާއި، އިންފްލޭޝަނަރީ ޕްރެޝަރުތައް ނައްތާލުމަކީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި ހަމަހަމަ އިޤްތިޞާދީ މަންފާއަކަށް ބަދަލުކުރުމަށް ޓަކައި ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދުރު ރާސްތާ ކާމިޔާބީ ބިނާވެގެންދާނީ، ސަރުކާރުން ފަތުރުވެރިކަމުގެ ތަޞައްވުރު ސާފުކޮށް ހާމަކުރުމުގެ މައްޗަށެވެ. ވިޒިޓް މޯލްޑިވްސްގެ އޮޕަރޭޝަނަލް މާކެޓިންގައި ބޮޑެތިގޮންޖެހުންތައް ހުރިއިރު ވާދަވެރި ދުނިޔޭގެ ބާޒާރުގައި ރާއްޖޭގެ ހިތްގައިމުކަން ދެމެހެއްޓޭނެ ގޮތެއް ގުޅިގެން ހޯދުމުގެ ތަސައްވުރެއް ހޯދަން ޖެހެއެވެ. ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ޤާއިމުކޮށް، ޙަޤީޤީ ވިސްނުންތެރި މުސްތަޤްބަލެއް ޤާއިމުކޮށް، މި ރީތި މަންޒިލްގެ ފުރިހަމަކަން ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0