އިސްރާއީލުގެ ސަލާމަތީ މަޖިލީހުގެ ރުހުމާއެކު ޣައްޒާ ހިފުމަށް ތައްޔާރުވަނީ

ޣައްޒާ ހިފުމުގެ ޕްލޭނަށް އިސްރާއީލުގެ ސަލާމަތީ ވަޒީރުންގެ މަޖިލީހުން ރުހުން ދީފައިވާ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
މި ޕްލޭނަކީ އިސްރާއީލުގެ ބޮޑުވަޒީރު، ބެންޖަމިން ނަތަންޔާހޫ މި ހަފްތާގެ ތެރޭގައި ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ޕްލޭނެއް ކަމަށް ވެއެވެ.
އެޒިއޯސްގެ ނޫސްވެރިއެއް ކަމަށްވާ ބަރަކް ރާވިދްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން މި ޕްލޭނަށް ރުހުން ދީފައިވީ ނަމަވެސް، ނަތަންޔާހޫގެ އޮފީހުން މިކަމާ ގުޅިގެން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ނަތަންޔާހޫގެ އޮފީހާ ހަވާލާދީ ރާވިދް ވަނީ، "ހަމާސް ބަލިކުރުމަށް ނަތަންޔާހޫ ހުށަހެޅި ޕްލޭނަށް ކެބިނެޓުން ރުހުން ދީފައިވާ" ކަމަށް ބުނެފައެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ސިޓީ ހިފުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު އެ ސަރަހައްދުގައި ތިބި އާންމުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ވަނީ ފާހަގަކޮށްފައެވެ.
އިސްރާއީލުގެ އޮފިޝަލަކާ ހަވާލާދީ ރާވިދް ވަނީ، އިސްރާއީލުގެ އަމާޒަކީ އޮކްޓޯބަރު 7 އާ ހަމައަށް ޣައްޒާ ސިޓީއާއި މެދުތެރޭގެ ސަރަހައްދުތަކުގައި ތިބި އާންމުން އެ ސަރަހައްދުތަކުން ބޭރުކުރުން ކަމަށް ބުނެފައެވެ. މިއީ ހަމާސްއާ ދެކޮޅަށް އިސްރާއީލުން ފަށާފައިވާ ހަނގުރާމައިގެ އައު މަރުހަލާއެއްގެ ގޮތުގައި ބެލެވެއެވެ.
މި ޕްލޭނާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމައުގެ ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ޣައްޒާގެ އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާލުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދެއެވެ.
ރިއެކްޓް



