މޫސަގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން އިންޑިއާއަށް ފޮނުވާލައިފި

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މަރައިލި އެ ރަށު 29 އަހަރުގެ މޫސާ އިބްރާހީމްގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް އިއްޔެ އިންޑިއާއަށް ފޮނުވާލައިފިއެވެ.
މި މަރުގެ ހާދިސާ ހިނގީ ޖުލައި 28 ވަނަ ދުވަހު މާވަށު ވޮލީ ކޯޓު ސަރަހައްދުގައެވެ.
މި މައްސަލާގައި ފުލުހުން ވަނީ ހދ. ނޮޅިވަރަމް، އަސަރީމަންޒިލް، މުހައްމަދު އިބްރާހީމް (29 އަހަރު) ހައްޔަރުކޮށްފައެވެ. އޭނާއަކީ މޫސައަށް ހަމަލާދިން މީހާ ކަމަށް ތުހުމަތުކުރެވެއެވެ. ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
ފުލުހުންގެ ތަހުގީގަށް ހާމަވެފައިވާ ގޮތުގައި، މި މާރާމާރީ ހިނގާފައިވަނީ މަސްތުވާތަކެއްޗާ ގުޅިގެން ދެމީހުންގެ ދެމެދުގައި އުފެދުނު ދެބަސްވުމެއްގެ ތެރެއިންނެވެ. މޫސަގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމުން، ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.
މައްސަލައިގެ ތަހުގީގުގެ ތެރެއިން ފުލުހުންނަށް ވަނީ މުހިންމު ހެކިތަކެއް ހޯދިފައެވެ. އެގޮތުން، މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ވަޅި މޫދަށް އެއްލާލާފައިވަނިކޮށް، ފުލުހުން ވަނީ ފީނައިގެން އެ ވަޅި ހޯދާފައެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި އިތުރު މައުލޫމާތު ހާމަކުރެވޭނީ ތަހުގީގަށް ދަތިނުވާނެ މިންވަރަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ރިއެކްޓް



