ގެމަނަފުށީ މިސްކިތުގެ މަސައްކަތް 240 ދުވަހުން ނިންމަން އާރްޑީސީއަށް

ގއ. ގެމަނަފުށީގައި އިމާރާތްކުރަމުންދާ 300 މީހުންގެ ޖާގައިގެ މިސްކިތުގެ މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމުމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ވުޒާރާގެ ނާއިބު އިބްރާހިމް އާސިމް އެވެ. އަދި އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް އެވެ.
ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން 7،780،395.62 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިމޭއިރު ވުޟޫކުރާނެ ބައި، މުންނާރު، މިސްކިތުގެ ލޭންޑްސްކޭޕިންގ އަދި ވަށާފާރުގެ މަސައްކަތްވެސް ނިމިގެންދާނެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި މިސްކިތުގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިއީ ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަށް ސަރުކާރުން ދެމުންގެންދާ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
ރިއެކްޓް



