ދަތި އިގްތިސާދީ ހާލަތުގެ ޒިންމާ ނަގަން ޖެހޭނީ އެމްޑީޕީ: ސަޢީދު

ރާއްޖެއަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ދަތި ހާލަތުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ އެމްޑީޕީން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން، އެމްޑީޕީގެ ސަރުކާރުން އުފައްދާފައިވާ ދަރަނީގެ ސަބަބުން ގައުމު ދަތި ހާލަތަކަށް ވެއްޓިފައިވާ ކަމަށް ސަޢީދު ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި 250 މިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށާއި، އޭގެ އިތުރުން އަށްހާސް މިލިއަން ރުފިޔާ ޗާޕްކޮށްގެން ހުރިހާ ފައިސާއެއް ހުސްކޮށްލި ކަމަށް ސަޢީދު ފާހަގަކުރެއްވިއެވެ. 2018 ވަނަ އަހަރު 28 ބިލިއަން ރުފިޔާގައި ހުރި ބަޖެޓް 2023 ވަނަ އަހަރު 50 ބިލިއަން ރުފިޔާއަށް އިތުރުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަޢީދު ވިދާޅުވި ގޮތުގައި، ސަރުކާރުގެ ކުންފުނިތަކަށް ނުދައްކާ ހުރި ފައިސާގެ އަދަދު 9.1 ބިލިއަން ރުފިޔާއަށް އަރައެވެ. މީގެ ތެރޭގައި ޕީއެސްއެމްއަށް 190 މިލިއަން ރުފިޔާގެ އިތުރުން ފެނަކަ، އައިއޭއެސް، މިފްކޯ، އެމްޓީސީސީ، އާރުޑީސީ އަދި ވެމްކޯ ފަދަ ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ހިމެނެއެވެ.
މިނިސްޓަރ ސަޢީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ފައިސާ ޗާޕްކޮށްގެން ބާޒާރަށް ނެރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ވަރަށް ބޮޑަށް ދަށްވެ، އިގްތިސާދީ ހާލަތު ދަށްވެފައިވާ ކަމަށް ވިދާޅުވިއެވެ.
ރިއެކްޓް



