ޚަބަރު

ދަނޑުވެރިކަމުގެ ލޯނަށް ތަރުހީބެއް ނުލިބުނު

އޮގަސްޓް 4, 2025 - 16:28
 0
ދަނޑުވެރިކަމުގެ ލޯނަށް ތަރުހީބެއް ނުލިބުނު
ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ދަނޑުވެރިކަމާބެހޭ މިނިސްޓްރީއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ތަޢާރަފުކުރި "ދަނޑުވެރިނަފާ" ލޯނު ސްކީމަށް އުންމީދުކުރި ވަރުގެ ތަރުހީބެއް ލިބިފައިނުވާކަން ހާމަވެއެއްޖެއެވެ.

އެސްޑީއެފްސީން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ލޯނަށް އެދި ހުށަހަޅާފައިވަނީ ވަރަށް މަދު ފަރާތަކުންނެވެ. އަދި އޭގެ ތެރެއިން މިހާތަނަށް ލޯނު ދޫކޮށްފައިވަނީ އެންމެ 45 ފަރާތަކަށެވެ. މިއީ ދަނޑުވެރިންގެ ޕޯޓަލްގައި ރަޖިސްޓްރީވެފައިވާ 6،699 ދަނޑުވެރިންގެ ތެރެއިން އެންމެ 0.6 ޕަސެންޓެވެ.

ލޯނު ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ގިނަ ފަރާތްތަކުން ލޯނު ނަގާފައިވަނީ ޒަމާނީ ދަނޑުވެރިކަންކުރުމަށް ކަމަށާއި ވާޓިކަލް ފާމިންގ އަދި ގްރީން ހައުސް ފާމިންގ އަށް އިސްކަންދީފައިވާކަން އެސްޑީއެފްސީން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް ޕޮލްޓްރީ ފާމިންގ ފަދަ ދާއިރާތަކަށް ސަމާލުކަން ދޭ މިންވަރު ކުޑަކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ދަނޑުވެރިނަފާ ލޯނު ސްކީމުގެ ދަށުން ދޫކުރަނީ ދެ ބާވަތެއްގެ ލޯނެވެ. އެއީ 100،000 ރުފިޔާއާ ހަމައަށް ނެގޭ ލޯނާއި، 100،000 ރުފިޔާއިން ފެށިގެން 2 މިލިއަން ރުފިޔާއާ ހަމައަށް ނެގޭ ލޯނެވެ. މި ދެ ލޯނުގައިވެސް އަހަރަކު ނަގާ އިންޓަރެސްޓަކީ 6 އިންސައްތައެވެ.

ލޯނު އަނބުރާ ދެއްކުމަށް ދެވޭ މުއްދަތުގެ ގޮތުގައި 100،000 ރުފިޔާގެ ލޯނަށް ދެވެނީ ގިނަވެގެން 3 އަހަރެވެ. އަދި 2 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނު އަނބުރާ ދެއްކުމަށް ދެވެނީ ގިނަވެގެން 7 އަހަރުގެ މުއްދަތެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0