ޚަބަރު

އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަން ކުރުމަށް ކޮމިޓީން ރުހުން ދީފި

އޮގަސްޓް 4, 2025 - 14:10
 0
އުއްތަމަ ފަނޑިޔާރަކަށް ޣަނީ އައްޔަން ކުރުމަށް ކޮމިޓީން ރުހުން ދީފި
ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: މަޖިލިސް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކުރީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދު އުއްތަމަ ފަނޑިޔާރަކަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ރުހުން ދީފިއެވެ.

މިއަދު ބޭއްވުނު ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު ހުސްނީ މުބާރިކް ވިދާޅުވި ގޮތުގައި، "ހުށަހަޅާފައިވާ ލިޔެކިއުންތަކާއި މެންބަރުން ފާހަގަކުރެއްވި ގޮތަށް އެ މަގާމަށް އިއުލާނު ކުރުމުން ކުރިމަތިލި ފަރާތްތަކުގެ އިންޓަވިއު ޖޭއެސްސީއިން ކުރިއަށް ގެންގޮސް 'ހައިލީ ރެކޮމަންޑެޑްގެ' ގޮތުގައި ފޮނުވި ފަރާތް ރައީސް ވެސް ވަނީ އުއްތަމަ ފަޑިޔާރެއްގެ ގޮތުގައި އައްޔަންކުރުމަށް ހުށަހަޅުއްވާފައި" ކަމަށެވެ.

ޣަނީގެ ނަން އުއްތަމަ ފަނޑިޔާރުގެ މަގާމަށް ހުށަހެޅުމުން، ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒް އެ ހުށަހެޅުމަށް ތާއީދުކުރެއްވިއެވެ. މިއަދުގެ ބައްދަލުވުމުގައި ނެގުނު ވޯޓުގައި، ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުން ޣަނީ އުއްތަމަ ފަނޑިޔާރަކަށް އައްޔަންކުރުމަށް ރުހުން ދެއްވާފައިވެއެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވެފައިވަނީ، އެންމެ ފަހުން އެ މަގާމުގައި ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މިދިޔަ މަހު މަގާމުން ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. މި މަގާމަށް ޖޭއެސްސީއިން ހުޅުވާލި ފުރުސަތުގައި ތިން ބޭފުޅަކު ޝައުގުވެރިކަން ފާޅުކުރެއްވި ނަމަވެސް، އިންޓަވިއުތަކަށްފަހު ރައީސްއަށް ޣަނީ އައްޔަންކުރެއްވުމަށް ލަފާ އެރުވުނެވެ.

ޣަނީއަކީ 2000 ވަނަ އަހަރުން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2004 ވަނަ އަހަރުން 2018 ވަނަ އަހަރާ ހަމައަށް ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ އިރު، މީގެ އިތުރުން މިދިޔަ އަހަރު ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްކަން ވެސް ކުރައްވާފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0