އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

އުތުރާއި މެދުރާއްޖެ ތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މިއަދު ހަވީރު ނެރުނު މި ސަމާލު ދެމިއޮންނާނީ މިރޭ 22:30 އާ ހަމައަށެވެ.
މެޓުން ނެރުނު ސަމާލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވެއެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ ގުގުރާނެ ކަމަށާއި، އުތުރުގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށްވެސް ލަފާކުރެވެއެވެ.
ފާއިތުވި ހަފުތާގައިވެސް ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށް މޫސުން ގޯސްވެ، ވައިގަދަވެ ވިއްސާރަކުރިއެވެ. އާދަޔާ ހިލާފަށް ވައި ގަދަވުމުގެ ސަބަބުން އުދައެރުމާއެކު ބައެއް ގެއްލުންތައް ލިބި، ކަނޑުމަތީގެ ނުރައްކާތެރި ބައެއް ހާދިސާތައްވެސް ހިނގާފައިވެއެވެ.
މޫސުން ގޯސްވެފައިވާތީ، ކަނޑުމައްޗަށް ނިކުންނަ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވެ، ޚާއްސަކޮށް މޫސުމަށް ސަމާލުކަންދިނުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.
ރިއެކްޓް



