ރަސްފަންނު "ޕޮމެލޯ" ގައި ރޯވި އަލިފާން އެމްއެންޑީއެފް އިން ނިއްވާލައިފި

މާފަންނު ރަސްފަންނުގައި ހުންނަ ލެމަންގްރާސްގެ "ޕޮމެލޯ" ރެސްޓޯރަންޓުގައި މިއަދު ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފައެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހާދިސާގެ މަޢުލޫމާތު އެ ސަރވިސަށް ލިބިފައިވަނީ މިއަދު މެންދުރު 12:14 ގައެވެ. އަދި މަޢުލޫމާތު ލިބުމާއެކު ވަގުތުން ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެއެވެ.
އަލިފާން ރޯވި "ޕޮމެލޯ" ރެސްޓޯރަންޓަކީ މިވަގުތު މަރާމާތުކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާ ތަނެއްކަން ފާހަގަކުރެވެއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަން އެމްއެންޑީއެފުން ވަނީ ކަށަވަރުކޮށްދީފައެވެ.
އަލިފާނުގެ ހާދިސާ ހިނގި ސަބަބާ ގުޅޭގޮތުން އިތުރު މަޢުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ރިއެކްޓް



