ފަރަށް އެރި ދޯންޏަކުން 3 މީހުން ސަލާމަތްކޮށްފި

ފަރަށް އަރާފައި އޮތް ދޯންޏަކުން 3 މީހަކު ސަލާމަތް ކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.
ފުލުހުން މަޢުލޫމާތުދެއްވި ގޮތުގައި މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ "އަލްމަޖްރާ" ދޯނި ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށް ގޮސްފައިވާ ކަމުގެ މަޢުލޫމާތު ލިބުނީ މިއަދު ފަތިހު 5:34 ހާއިރުއެވެ.
އަދި މި ހާދިސާގެ ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިއިރު، އެ ދޯނީގައި ދަތުރުކުރި 3 މީހުން ހާލުގައި ޖެހި، ފަރުމަތީގައި ތިބިތަން ފެނުނެވެ. ފުލުހުންގެ ލޯންޗުން އެ މީހުން ސަލާމަތްކޮށް މިހާރު ވަނީ ފެލިދޫއަށް ގެންގޮސްފައެވެ. ސަލާމަތްކުރެވުނު 3 މީހުންގެ ހާލު ރަނގަޅު ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ ރައްޔިތެކެވެ.
ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާއާއި އެ ބާވަތުގެ އެހެނިހެން ސާމާނު ހުރި ކަމަށް ސަލާމަތްކުރެވުނު މީހުން މަޢުލޫމާތު ދީފައިވެއެވެ. މި ތަކެތި އޮޔާދާ ކަމަށްޓަކައި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުގެ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.
ރިއެކްޓް



