ޚަބަރު

ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ލައިސެންސް 209 ތަނަކަށް ދޫކޮށްފި

އޮގަސްޓް 2, 2025 - 21:32
 0
ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ލައިސެންސް 209 ތަނަކަށް ދޫކޮށްފި

ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ރަސްމީކޮށް ހިންގުމަށް މިހާތަނަށް 209 ފަރާތަކަށް ލައިސަންސް ދޫކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.

މި ލައިސަންސްތައް ދޫކޮށްފައިވަނީ ދުންފަތް ކޮންޓްރޯލް ގާނޫނުގެ ދަށުން، ވިޔަފާރިތައް ގަވައިދާ އެއްގޮތަށް ހިންގުން ކަށަވަރުކުރުމުގެ ގޮތުންނެވެ.

އެޗްޕީއޭ އިން ހާމަކުރި ގޮތުގައި، ދުންފަތުގެ ލައިސަންސަށް އެދި ހުޅުވާލި ފުރުސަތު މިދިޔަ އޭޕްރީލް 17 ގައި ހަމަވިއިރު، 767 ފޯމު ހުށަހެޅިފައިވެއެވެ. މީގެ ތެރެއިން 652 ފޯމުގެ ވެރިފިކޭޝަން ނިންމާފައިވާއިރު، ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް 209 ފަރާތަކަށް ވަނީ ލައިސަންސް ދޫކޮށްފައެވެ.

ހުށަހެޅުނު ފޯމުތަކުގެ ތަފްސީލަށް ބަލާއިރު، 608 ފޯމަކީ ސިނގިރޭޓު ވިއްކުމުގެ ލައިސަންސަށް އެދި ހުށަހެޅި ފޯމުތަކެވެ. އަދި ދުންފަތުގެ އާ އުފެއްދުމެއް ރަޖިސްޓަރީ ކުރުމަށް 15 ފޯމު، އިމްޕޯޓު ކުރުމަށް 28 ފޯމު އަދި ރީ-އެކްސްޕޯޓު ލައިސަންސަށް އެދި އެއް ފޯމު ހުށަހަޅާފައިވެއެވެ.

އެޗްޕީއޭއިން އިތުރަށް ހާމަކުރި ގޮތުގައި، ޝަރުތު ފުރިހަމަނުވާ 243 ފޯމު ވަނީ ކެންސަލް ކުރެވިފައެވެ. އަދި އިސްލާހުކުރަންޖެހޭ ކަންކަން ހުރުމާއެކު 177 ފޯމު ވަނީ ވަގުތީ ގޮތުން ހިފެހެއްޓިފައެވެ.

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގަވައިދުގެ ދަށުން، ލައިސަންސް ދޫކުރެވެނީ ފަސް އަހަރު ދުވަހުގެ މުއްދަތަށް، ކަނޑައެޅިފައިވާ ފީ ދެއްކުމުންނެވެ. އަދި ލައިސެންސް ނުނަގާ ވިޔަފާރިކުރާ ފަރާތްތައް ފުރަތަމަ ފަހަރު 50,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އިތުރުވާ ކޮންމެ ފަހަރަކަށް 100,000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ވިޔަފާރީގެ ހުއްދަ ހިފެހެއްޓުމުގެ ބާރު ވެސް ކަމާބެހޭ ފަރާތްތަކަށް ލިބިގެންވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0