މަސްދޯނިފަހަރަށް ހާއްސަ ޒޯންތަކުން ފީއެއް ނުނަގާނެ: އެމްޕީއެލް

މާލޭ ނޯތު ހާބަރުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިތުރުކުރި ސަރަހައްދުގައި، މަސްދޯނިފަހަރަށް ހާއްސަ ދެ ޒޯނެއް ކަނޑައަޅައި، އެ ސަރަހައްދުތަކުން އެއްވެސް ފީއެއް ނުނަގާ ގޮތަށް ހަމަޖައްސައިފިކަމަށް އެކުންފުނިން ބުނެފިއެވެ.
އެމްޕީއެލްއިން ހާމަކުރި ގޮތުގައި، ނޯތު ހާބަރަށް އިތުރުކުރެވުނު ބައިގައި މަސްދޯނިފަހަރަށް ހާއްސަކޮށްފައި ވަނީ މިހާރު ވެސް މަސް ދޯނިފަހަރު ބޭނުންކުރާ ސަރަހައްދު ކަމުގައިވާ އީ (E) ޒޯން އަދި އެފް (F) ޒޯން އެވެ. މި ސަރަހައްދުން މަސްވެރި އުޅަނދުތަކުން އެއްވެސް ފީއެއް ނަގާ ގޮތަށް ހަމަޖައްސާފައެއް ނުވެއެވެ.
ނަމަވެސް، މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުތަކުން މިހާރު ވެސް ނަގާ އުސޫލުން ފީ ނެގުން ކުރިއަށްދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އެގޮތުން، އޭ (A) ޒޯނުން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 50 ލާރި ނަގާއިރު، ބީ (B) ޒޯން އަދި ސީ (C) ޒޯނުން އުޅަނދުގެ ފުޅާމިނުން ގަޑިއަކު މީޓަރަކަށް 1 ރުފިޔާ ނަގާނެއެވެ.
އެމްޕީއެލްއިން މަޢުލޫމާތު ދިން ގޮތުގައި، މަސް ދޯނިފަހަރަށް ހާއްސަކޮށްފައިވާ ސަރަހައްދު ތަރުތީބުކޮށް، އެ ސަރަހައްދުގެ ހިދުމަތް ކުރިއަށް އޮތް ތަނުގައި ދޭނީ ކިއު ތަރުތީބުންނެވެ. އަދި މި ސަރަހައްދު ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
ރިއެކްޓް



