ތިން ރަށެއްގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރަނީ

ތިން ރަށެއްގެ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަޝްރޫއު ހެލްތު މިނިސްޓްރީން ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މިމަޝްރޫއުގެ ދަށުން އަޕްގްރޭޑްކުރާ ރަށްތަކުގެ ތެރޭގައި ފ. ދަރަނބޫދޫ، ހއ. ވަށަފަރު އަދި ހއ. ތުރާކުނު ހިމެނެއެވެ.
ފ. ދަރަނބޫދޫ ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. 4.8 މިލިއަން ރުފިޔާގެ މި މަޝްރޫއު 210 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން ވޯޑަކާއި، ލެބޯޓްރީ، ނަރސް ސްޓޭޝަން، ލޭބަރ ރޫމް އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެއެވެ.
ހއ. ވަށަފަރު އަދި ހއ. ތުރާކުނު ސިއްހީ މަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޕާފެކްޓް މަލަފެހި މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. ވަށަފަރު ސިއްހީ މަރުކަޒުގެ 4.8 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެއެވެ.
ތުރާކުނު ސިއްހީ މަރުކަޒުގެ 3.4 މިލިއަން ރުފިޔާގެ މަޝްރޫއުގެ ދަށުން އޮފީސް، މީޓިންގ ހޯލް، ޕަބްލިކް ހެލްތު އޮފީސް، ސްޓޯ އަދި ލޯންޑްރީގެ ޖާގަ އިތުރުކުރެވިގެންދާނެއެވެ. މި މަޝްރޫއު 180 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
މި ތިން ރަށުގެ ސިއްހީ މަރުކަޒުތައް އަޕްގްރޭޑްކުރުމުގެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 13 މިލިއަން ރުފިޔާއެވެ. މި މަޝްރޫއުތައް ނިމުމުން އެ ރަށްރަށުގެ ރައްޔިތުންނަށް ލިބޭ ސިއްހީ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެކަމަށް ބެލެވެއެވެ.
ރިއެކްޓް



