ޚަބަރު

އެފްޑީސީން 232 ފަރާތަކާއެކު ފްލެޓު އެއްބަސްވުން ހަދައިފި

އޮގަސްޓް 1, 2025 - 17:06
 0
އެފްޑީސީން 232 ފަރާތަކާއެކު ފްލެޓު އެއްބަސްވުން ހަދައިފި
ފޮޓޯ: އެޑިޝަން

ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4،000 ފްލެޓުގެ ތެރެއިން ފްލެޓް ލިބޭ 232 ފަރާތަކާއެކު އެއްބަސްވުން ހަދާފައިވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ބުނެފިއެވެ.

އެފްޑީސީން މައުލޫމާތު ދެއްވި ގޮތުގައި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ހަލުވިކޮށް މިގޮތުން މިހާތަނަށް 252 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލްކޮށްފައިވާއިރު، އޭގެ ތެރެއިން 232 ފަރާތާއެކު ކުލީގެ އެއްބަސްވުން ވަނީ ހަދާފައެވެ.

އެފްޑީސީން ވިދާޅުވެފައިވަނީ ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތްކުރަމުން ކަމަށެވެ. އަދި މި މަސައްކަތް މިހާރު ކުރިއަށްދާ ބާރުމިނަށް ބަލާއިރު، ކުރިއަށް އޮތްތާގައި އެއްބަސްވުންތައް ހެދުމުގެ ދުވެލި އިތުރުވެގެންދާނެ ކަމަށްވެސް ވަނީ ފާހަގަކުރައްވާފައެވެ.

މި ފްލެޓުތަކުގެ މަޝްރޫއުގައި ހިމެނެނީ 32 ޓަވަރެވެ. އޭގެ ތެރެއިން 16 ޓަވަރުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެންބީސީސީން ކަމަށްވާއިރު، އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ ޖޭއެމްސީންނެވެ. މި ޓަވަރުތަކުގައި ހިމެނެނީ 650 އަކަފޫޓުގެ ދެ ކޮޓަރީގެ 1200 އެޕާޓްމަންޓާއި، 900 އަކަފޫޓުގެ ތިން ކޮޓަރީގެ 2800 އެޕާޓްމަންޓެވެ.

ފްލެޓް އެއްބަސްވުން ހެދުމަށް ހައުސިން މިނިސްޓްރީން އެފްޑީސީއަށް ޖުމްލަ 2665 މީހުންގެ ނަން ވަނީ ފޮނުވާފައެވެ. އެހެންކަމުން، ބާކީ ތިބި ފަރާތްތަކާއެކު އެއްބަސްވުން ހަދާ ނިންމުމަށް އެފްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0