އަސްކޮއި ހައްޖު ގްރޫޕުގެ ހުއްދަ ބާތިލުކޮށް ޖޫރިމަނާ ކުރުމަށް ނިންމައިފި

އުމްރާއަށް ގެންދަން ބައެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމަށްފަހު އުމްރާއަށް ނުގެންދިޔުމުގެ މައްސަލައިގައި އަސްކޮއި ހައްޖު އެންޑް އުމްރާ ޓުއާސްގެ ހުއްދަ ހިފަހައްޓައި، ޖޫރިމަނާކުރުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ށ. ފޯކައިދޫގެ 28 މީހުންގެ އަތުން މީހަކަށް 25,500 ރުފިޔާގެ މަގުން ފައިސާ ނަގައި، މި މަހުގެ 24 ވަނަ ދުވަހު އުމްރާއަށް ފުރުމަށް ހަމަޖެހިފައިވާ ދަތުރު ކެންސަލްކޮށްފައިވެއެވެ. މި ގްރޫޕުގެ މެންބަރުން މިދިޔަ ފެބްރުއަރީ މަހު ވަނީ ފައިސާ ދައްކާ ނިންމާފައެވެ.
މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުން، އަސްކޮއި ގްރޫޕުން ވަނީ ދަތުރުވެރިންގެ ޕާސްޕޯޓާއި އެހެނިހެން ލިޔެކިޔުންތައް އަތުލުމަށްފަހު، "ގަލްފުގެ ނުރައްކާތެރިކަން" ގެ ސަބަބުން ދަތުރު ފަސްކުރަން ޖެހުނު ކަމަށް ބުނެފައެވެ. އަދި ފައިސާ ދައްކާފައިވާ ފަރާތްތަކުން އެ ލިޔެކިޔުންތައް ހޯދަން މަސައްކަތްކުރިނަމަވެސް، ކުންފުނީގެ އިސްވެރިންނާ ގުޅުން ވަނީ ކާމިޔާބުވެފައި ނުވެއެވެ.
މި މައްސަލައިގައި އިސްލާމިކް މިނިސްޓްރީން ވަނީ އަސްކޮއި ގްރޫޕުގެ އުމްރާ ހުއްދަ ބާތިލުކުރުމާއެކު، ކުންފުނީގެ ހިއްސާދާރުން ހިމެނޭ އެހެން އެއްވެސް ކުންފުންޏަކަށް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ނުދިނުމަށް ނިންމާފައެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅައި، ދަތުރުވެރިންގެ ފައިސާ އަނބުރާ ހޯދައިދިނުމަށްވެސް މަސައްކަތްކުރާނެ ކަމަށް ބުނެފައިވެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ މެއި މަހުވެސް އަސްކޮއިން ވަނީ ހަ މީހެއްގެ އާއިލާއެއްގެ އަތުން މީހަކަށް 42,000 ރުފިޔާގެ މަގުން ޖުމްލަ 252,000 ރުފިޔާ ނަގައި، އުމްރާއަށް ނުގެންގޮސް އޮތުމުން 130,000 ރުފިޔާއިން ޖޫރިމަނާ ކުރެވިފައެވެ. އަސްކޮއި ޓްރެވަލް ސާވިސްއަކީ 2023 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީން އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުންޏެކެވެ.
ރިއެކްޓް



