ޣައްޒާގެ ހާލަތު ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ރާއްޖެއިން ގޮވާލައިފި

ފަލަސްޠީނުގެ ނިކަމެތި ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލައިންސާނީ އަމަލުތައް ނިމުމަކަށް ގެނައުމަށް އިތުރު ފިޔަވަޅުތައް އަޅައި، އެއްބާރުލުން ދިނުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.
އދ. ގެ މައި މަރުކަޒުގައި މިހާރު ކުރިއަށްދާ "ހައި-ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓަލްމަންޓް އޮފް ދަ ކުއެސްޝަން އޮފް ޕަލަސްޓައިން" ގައި ރާއްޖެއިން މިގޮތަށް ގޮވާލާފައިވަނީ އދ. އަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަޞީރު މުޙައްމަދުގެ ވާހަކަފުޅުގައެވެ.
ޑރ. ޢަލީ ނަޞީރު ވަނީ ފަލަސްޠީނުގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ޤަތުލު ޢާންމު ހުއްޓުވުމަށް ޑިޕްލޮމެޓިކް މަސައްކަތްތަކާއި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ގޮވާލައްވާފައެވެ. އަދި 1967 ވަނަ އަހަރުގެ ކުރީގެ އިންތަކުގެ މަތިން، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމުގައި ކަނޑައަޅައި، މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު އޮތުމުގެ ޙައްޤު ކަށަވަރުކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައިވެއެވެ.
އަންރުވާގެ އެހީތެރިކަން ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށް، އަރަބް ރީކޮންސްޓްރަކްޝަން ޕްލޭން ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ދިވެހިރާއްޖެއިން ފޯރުކޮށްދޭން ތައްޔާރަށް ތިބިކަންވެސް ޑރ. ޢަލީ ނަޞީރު ވަނީ ހާމަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި އިސްރާއީލު ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭގޮތަށް ހަމަޖެއްސުން ފާހަގަކޮށްލެވެއެވެ. މިއީ ދުނިޔޭގެ ސަމާލުކަން ލިބުނު، އަދި މުސްލިމު ވެރިންނާއި ފަލަސްޠީނަށް ތާއީދުކުރާ ޤައުމުތަކުގެ ތަޢުރީފު ލިބުނު ނިންމުމެކެވެ.
ރިއެކްޓް



