ޚަބަރު

އެމްޑީޕީން އެއްބަސްވުމާ ޚިލާފުވުމުން 30 ދުވަސްތެރޭ 3.6 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ޖުލައި 30, 2025 - 20:12
 0
އެމްޑީޕީން އެއްބަސްވުމާ ޚިލާފުވުމުން 30 ދުވަސްތެރޭ 3.6 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި
އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު -- ފޮޓޯ: ވިރާސީ

މޯލްޑިވިއަންއަށް އެމްޑީޕީން ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ދެ އަހަރަށް ބަހާލައިގެން ދެއްކުމަށް ހެދި އެއްބަސްވުމާ އެމްޑީޕީން ޚިލާފުވުމުން، ނުދައްކާ ހުރި ހުރިހާ ފައިސާއެއް 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.

ކުރިން އެއްބަސްވެފައިވާ ގޮތުން، 5.6 މިލިއަން ރުފިޔާ ދައްކާ ހަލާސްކުރުމަށް ހަމަޖެހިފައިވަނީ ހަތް އިންސްޓޯލްމަންޓަށް ބަހާލައިގެން 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށެވެ. ނަމަވެސް ދެވަނަ އިންސްޓޯލްމަންޓަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާ ވެސް އެމްޑީޕީން ދައްކާފައި ނުވާކަން ފާހަގަކުރެވެއެވެ.

ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާގެ ތެރެއިން އެމްޑީޕީން މިހާތަނަށް ދައްކާފައިވަނީ ދެ މިލިއަން ރުފިޔާއެވެ. "ބާކީ 3.6 މިލިއަން ރުފިޔާ ނުދެއްކިފައިވަނީ ދައުލަތުން ޕާޓީއަށް ދޭންޖެހޭ ފައިސާ ލިބުން ލަސްވުމުގެ ސަބަބުން" ކަމަށް އެމްޑީޕީން ބުނެފައިވާކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

މައްސަލައިގައި މޯލްޑިވިއަން އިން އެދިފައިވަނީ ހަތް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެމްޑީޕީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ. ނަމަވެސް އެމްޑީޕީއަށް ދައުލަތުން ދޭންޖެހޭ ފައިސާއަށް ބަރޯސާވާން ޖެހޭތީ އާއި އެ ފައިސާ އެމްޑީޕީއަށް ލިބިފައި ނުވާތީ، މައްސަލަ ބެއްލެވި ފަނޑިޔާރު ވަނީ ފައިސާ ދެއްކުމަށް 30 ދުވަހުގެ މުހުލަތެއް ދީފައެވެ.

އެމްޑީޕީއާއި މޯލްޑިވިއަން އާ ދެމެދު ހެދިފައިވާ އެއްބަސްވުމުގައި ވެސް ބަޔާންކޮށްފައިވާ ގޮތުން، އެއްބަސްވެފައިވާ ގޮތަށް ފައިސާ ނުދައްކައިފިނަމަ އެއްބަސްވުން ބާތިލްކުރަންޖެހޭނެއެވެ. މިހާރު ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެމްޑީޕީން ޢަމަލުނުކޮށްފިނަމަ އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0