ޚަބަރު

އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ގާޒީ، ޝުޖާއު އުސްމާން އަދި ޣަނީ ކުރިމަތިލައްވައްވައިފި

ޖުލައި 29, 2025 - 15:51
 0
އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ގާޒީ، ޝުޖާއު އުސްމާން އަދި ޣަނީ ކުރިމަތިލައްވައްވައިފި

އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން އަދި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ކުރިމަތިލައްވައިފިއެވެ.

އުއްތަމަ ފަނޑިޔާރުގެ މަގާމު ހުސްވީ، އެ މަގާމުގައި އެންމެ ފަހުން ހުންނެވި އަހުމަދު މުއުތަސިމް އަދުނާން މި މަހު ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އެ މަގާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލި މުއްދަތު މިއަދު ވަނީ ހަމަވެފައެވެ.

އަބްދުލްޣަނީ މުހައްމަދަކީ 2000 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މަދަނީ ކޯޓުގެ ގާޒީކަން ކުރެއްވުމަށްފަހު، 2004 ވަނަ އަހަރުން 2018 އަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ނަމަވެސް، 2019 ގައި މަޖިލީހުން އޭނާ އެ މަގާމުން ވަކިކުރެއްވި އެވެ. މިހާރު އޭނާ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ.

ޝުޖާއު އުސްމާނަކީ މެޖިސްޓްރޭޓް ކޯޓާއި ކްރިމިނަލް ކޯޓުގައި މަސައްކަތް ކުރެއްވުމަށްފަހު 2015 ވަނަ އަހަރު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވުނު ބޭފުޅެކެވެ. 2018 އިން 2020 އަށް ހައި ކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމު ފުރުއްވައި، އޮގަސްޓް 2020 ގައި އިސްތިއުފާ ދެއްވި އެވެ.

އަބްދުﷲ މުހައްމަދަކީ 2015 ވަނަ އަހަރާ ހަމައަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަގާމު ފުރުއްވި ބޭފުޅެކެވެ. މިހާރު އޭނާ ހުންނެވީ ފެމިލީ ކޯޓުގެ ގާޒީގެ މަގާމުގައެވެ.

އުއްތަމަ ފަނޑިޔާރު ކަމަށް ބޭފުޅަކު އައްޔަން ކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާ ނަންފުޅެއް މަޖިލީހުން ފާސްކުރުމުންނެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0